ޓެކްނޯލޮޖީ

އިނގިރޭސީން ވާވޭ ދޫކޮށް 5ޖީ ހޯދަން ޖަޕާނަށް

އިނގިރޭސިވިލާތުން ގަބޫލުކުރާ ގޮތުގައި، ގައުމީ ސަލާމަތަށް ނުރައްކާކޮށްފާނެ ބަޔަކު ލައްވައި 5ޖީ ނެޓްވޯކް އެޅުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ވާވޭ އަކީ ޗައިނާ ކުންފުންޏެކެވެ. ޗައިނާ ސަރުކާރަށް ޖާސޫސް ކޮށްދިނުމަކީ ވާވޭ ގެންގުޅޭ ސިއްރު އެޖެންޑާއެކެވެ. އެހެން ނަމަވެސް، ވާވޭ އިން ޖާސޫސްކުރާ ކަމުގެ އެއްވެސް ހެއްކެއް އަދި އަދަށް ދާންދެން ވެސް ދެއްކިފައި ނެތެވެ.

އިނގިރޭސިވިލާތުން ޗައިނާގެ ވާޥޭ ޓެކްނޮލޮޖީޒް ދޫކޮށްލަން ނިންމީ މި އަހަރު ޖުލައި މަހު އެވެ. ހޮންގް ކޮންގް ގައި އިނގިރޭސީން ޖަހާހާ ބެރަކަށް ޗައިނާ ނުނެށުމަކީ، އިނގިރޭސީން ބޮޑާހާކަން މެދުވެރިވި ސަބަބުތަކުން ސަބަބެކެވެ. އެ ރުޅިގަނޑު އެމެރިކާ އާއި އިނގިރޭސީން ބާލާލީ ޗައިނާގެ އިގްތިސޯދަށެވެ. ވިޔަފާރީގައި ކާމިޔާބު ޗައިނާ ކުންފުނިތަކަށެވެ.

ވާވޭ ޓެކްނޮލޮޖީޒް އިން އުފައްދާ 5ޖީ އާލާތްތައްް އިނގިރޭސިވިލާތުގައި ބޭނުންކުރުން މިހާރު އޮތީ މަނާ ކޮށްފަ އެވެ. ގައުމުގައި މިހާރު ހުރި އާލާތްތައް ވިޔަވައި، އިތުރު އެއްޗެއް ގަތުން ވެސް ވަނީ މަނާ ކޮށްފަ އެވެ. މިހާރު ބޭނުން ކުރަމުން ދާ ވާވޭ އާލާތްތައް ވެސް، ނަގައި 2027 ލައިގަތުމުގެ ކުރިން އުކާލަން ޖެހެ އެވެ.

އިނގިރޭސިވިލާތުގައި 5ޖީ ނެޓްވޯކް އަޅައިދޭނެ ބަޔަކު ހޯދަން، އިނގިރޭސީން މިހާރު ގޮސް ތިބީ ޖަޕާނުގަ އެވެ. އެއީ ޖަޕާނުގެ އެންއީސީ ކުންފުންޏާ ވާހަކަ ދައްކާށެވެ. ބައްރުތަކުގައި، ގައުމުތަކުގައި 5ޖީ ނެޓްވޯކް އަޅައިދިނުމުގެ ގާބިލުކަން އެންއީސީ އަށް ލިބިފައި ވާތީ އެވެ. އެހެން ނަމަވެސް އޮތް ސުވާލަކީ، ވާވޭ ކޮށްދޭ އަގަށް ވުރެ ހެޔޮ އަގެއްގައި ހެއްޔެވެ؟

އިނގިރޭސިވިލާތުގައި 5ޖީ ނެޓްވޯކް އަޅަމުން ދާއިރު، ވާވޭ ރޭޑިއޯތައް ނަގައި އުކާލައި ނުވަތަ އަލަށް އުފައްދާ އާލާތްތަކުން ދުރުވެ ތިބުމަކީ، އިނގިރޭސިވިލާތުގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ވެސް ކުރަން އެދޭ ކަމެއް ނޫނެވެ. ސަބަބަކީ، ލަފާކުރަން ދަތި ބޮޑު ޚަރަދަކަށް ވާތީ އެވެ. އެހެން ނަމަވެސް، ހުޅަނގުން ޗައިނާ ދެކެ ގަންނަ ބިރުގައި، ހުރިހާ އެންމެނަން ޖެހިފައި މި އޮތީ ހުން ނާންނަނީސް ރަޖާލާށެވެ.