ހަބަރު

ތިނަދޫގައި ގޭސްފުޅި ގޮވައި ފިހުނު އެކަކު މަރުވެއްޖެ

ގދ. ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

ގޭސްފުޅިއެއް ގޮވައި ހިނގި މި ހާދިސާގައި ހަތަރު މީހަކު ފިހުނެވެ. ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯ ކުރުމުން ގޭސްފުޅި ގޮވައި ހުޅު ރޯވި ހާދިސާ ހިނގީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާ ހިނގާފައިވަނީި ތިނަދޫ ރާސްތާ ދޯނީގަ އެވެ.

އެ ހާދިސާގައި ފިހުުނ ު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ ބޮޑުބައެއް ފިހުނެވެ. މިއަދު މަރުވީ އޭގެ ތެރެއިން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ މީހެކެވެ.

އައިޖީއެމްއެޗުން ބުނީ ވަރަށް ބޮޑަށް ފިހިފައިވާ މީހަކު ތިނަދޫ ހޮސްޕިޓަލުން މީގެ ދެ ރޭ ކުރިން ގެނައި ކަމަށާއި އެމީހާ ގެނައި އިރުވެސް ހާލު ސީރިއަސްވެ ފަރުވާ ދެމުންގެން ދިޔައީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ބުނީ މިއަދު ހެނދުނު އެމީހާ މަރުވީ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ. އޭރުވެސް ނޭވާލަމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފަ އެވެ.