ރައީސް މުހައްމަދު ނަޝީދު

"ހަތެއް ފެބްރުއަރީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކުމަކީ ބޮޑު ގެއްލުމެއް"

ފެބްރުއަރީ 7، 2012 ގައި ފުލުހުން ނިކުމެ ހިންގި ކަންކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަަ އެއީ ޒަމާންތަަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ދުވަހު މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ވެރިކަން ނިމުމަކަށް ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ފެބްރުއަރީ 8، 2012 ގައި އެމަނިކުފާނު އިސްވެ ހުންނަވާ މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވެވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުކުރީ ބަޣާވާތުން ކަމަށެވެ. އެ ދުވަހު އަތޮޅުތެރޭގައިވެސް މުޒާހަރާ ކުރިއަށް ގެންދިޔައެވެ. އެ މުޒާހަރާގެ ތެރެއިން ދައުލަތުގެ މުދަލަށް 200 މިލިއަން ރުފިޔާގެ ބޮޑު ގެއްލުން ދީފައިވެއެވެ.

ފުލުހުންގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށައަޅުއްވާފައި ވަނިކޮށް މިރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ފުލުހުން ނިކުމެ ހިންގި ކަންކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަަ އެއީ ޒަމާންތަަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ފުލުހުންގެ ގާނޫނު އިސްލާހު ކުރަން ހުށައަޅާފައިވަނީ ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. އެކަމާއި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނުކުރައްވާ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާ އެ ޔަގީންކަން ރައްޔިތުންނަށްވެސް ދެއްވާ ކަމަަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ މިއަދު ވިދާޅުވީ ހަތެއް ފެބްރުއަރީި އަކީ މާޒީއެވެ. އެ ހާދިސާއިން ގިނަ ފިލާވަޅުތަކެއް ފުލުހުން ވަނީ ހޯދާފައި ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ނިކުމެ ފުލުހުން ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް،" ސީޕީ ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ކުރިންވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީގެ (ރިޔާސީ ކޮމިޝަން) ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެކަންކަން ތަންފީޒު ނުވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަންކަން ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ނުކުރޭނެ ކަަމަށެވެ.