ދުނިޔެ

މުސްލިމުންނާއި ނާޒީން އެއްވަރުކުރި ލީޑަރު ކޯޓަށް

Oct 20, 2015

ޕެރިސް (ބީބީސީ) - މުސްލިމުންނަށް ނިސްބަތްކޮށް އެއީ އިސްތިއުމާރީ ނާޒީންނާއި އެއްފަދަ ބައެއް ކަމަށް ބުނި ފްރާންސް ލީޑަރުގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފިއެވެ.

ފްރާންސްގެ ސިޔާސީ ޕާޓީ ފްރެންޗް ނެޝަނަލް ފްރޮންޓްގެ ލީޑަރު މަރީން ލެޕެން މުސްލިމުންނަށް ނިސްބަތްކޮށް މިހެން ބުނީ 2010 ވަނަ އަހަރު އެ ޕާޓީގެ ރައީސް ކަމަށް އައުމަށް ކުރަމުންދިޔަ ކެންޕޭނުގެ ތެރޭގައެވެ.

ކޯޓުން ބޭރުގައި ވާހަކަ ދައްކަމުން ލެޕެން ބުނީ އޭނާ އެއްވެސް ކުށެއް ނުކުރާ ކަމަށާއި، ފަސް އަހަރު ކުރީގެ މި މައްސަލައިގެ ޝަރީއަތް ބޭއްވޭ ދަނޑިވަޅާއި މެދު ސުވާލު އުފެދޭ ކަމަށެވެ. ލެޕެން ގެ ޕާޓީން މިހާރު މަސައްކަތް ކުރަމުން ދަނީ މިއަހަރު ޑިސެންބަރުގައި އޮންނަ އިންތިހާބުގައި ފްރާންސުގެ ދެ ހިސާބެއް ކާމިޔާބު ކުރުމަށެވެ.

ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް މަޝްހޫރު މި ޕާޓީއާއި މެދު އާންމުން ދެކޭ ގޮތް ބަދަލު ކުރުމަށް މި ފަހަކަށް އައިސް އެ ޕާޓީން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ޕާޓީގެ ހަމަލާތައް މިހާރު އަމާޒުވަނީ މުޅިންވެސް މުސްލިމުންނަށް ކަމަށެވެ. އެ ޕާޓީން ބުނަނީ މުސްލިމުންނާއި ދެކޮޅުވެރިކަމެއް ނެތް ކަމަށާއި އެމީހުން ދެކޮޅީ ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި މުސްލިމުންނާ ކަމަށެވެ.