ދުނިޔެ

އަޒަރުބައިޖާން ސިފައިން ނަގޯނޯ ކަރަބާޚްގެ ސަރަހައްދުތައް މުޅިން ހޯދައިފި

އަޒަރުބައިޖާންގެ ސިފައިން ލަޗިންއަށް ވަދެއްޖެ އެވެ. މިއީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައި ދުނިޔެ ގަބޫލު ކޮށްފައި ވާ ނަގޯނޯ ކަރަބާޚްގެ އަވަށެކެވެ.

ނަގޯނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ބިމުގެ ބައެކެވެ. ނަވަރާސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ކުރި ހަނގުރާމާގައި އަރުމީނިއާ ސިފައިން ވަނީ އެ ސަރަހައްދު ހިފައި ވެރިވެގެންފަ އެވެ. ނަގޯނޯ ކަރަބާޚް އަކީ މިނިވަން ދައުލަތެއް ކަމަށް އަރުމީނިއާ އިން ގަބޫލުކުރި ނަމަވެސް، ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އެ ބުނުން ބަލައިގެންފައި ނުވެ އެވެ.

ނަގޯނޯ ކަރަބާޚް އަލުން ހޯދަން އަޒަރުބައިޖާނުން އަބަދު ވެސް މަސައްކަތްކުރެ އެވެ. އެހެން ނަމަވެސް، މަސްރަހު ގޯސްވެފައި ވަނީ ސެޕްޓެމްބަރު 27 ގައި ހަމަލާތައް ބަދަލު ކުރަން ފެށުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް 44 އަށް ދިގު ދެމިގެން ދިއަ ހަލަބޮލި ކަމުގައި އަރުމީނިއާއަށް ބޮޑެތި ގެއްލުތަކެއް ވަނީ ލިބިފަ އެވެ. މި ހަނގުރާމައިގައި އަޒަރުބައިޖާނަށް ތުރުކީން ވަރަށް ބޮޑަށް އެހީތެރިވެދިނެވެ.

އަޒަރުބައިޖާން ސިފައިންގެ ބާރުގެ ދަށަށް މިހާރު ނަގޯނޯ ކަރަބާޚް މުޅިން ގެނެސްފައި ވާއިރު، ލަޗިން ހިމެނެނީ އަރުމީނިއާ އިން ކޮންމެހެން ފައިބަންޖެހޭ ތިން އަވަށުގެ ތެރޭގަ އެވެ. ދެން ހިމެނެނީ އަގްދާމް އާއި ކަލްބަޖާރު އެވެ. މި ދެ ސަރަހައްދު ވެސް މިހާރު އޮތީ އަޒަރުބައިޖާނުން ހޯދާފަ އެވެ.

އަޒަރުބައިޖާން އާއި އަރުމީނިއާ ސުލްހަވުމަށް މެދުވެރިއަކަށް ވީ ރަޝިޔާ އެވެ. އދ. ގެ ބެލުމުގެ ދަށުން ރަޝިއާ އާއި ތުރުކީ ހެކިކޮށް އަޒަރުބައިޖާނާއި އަރުމީނިއާ އިން ވި އެއްބަސްވުމަށް ފަހު، ނަގޯނޯ ކަރަބާޚް ދޫކޮށް އަރުމީނިއާ ދަރިކޮޅުގެ މީހުން އަވަށްތަކުން ފައިބަން ފެށި އެވެ. އެހެން ނަމަވެސް، މިއީ ސުލްހައިގެ އެއްބަސްވުން ޝަރުތުކުރާ ކަމެއް ނޫނެވެ.

ނަގޯނޯ ކަރަބާޚް ދޫކޮށް ދަމުން އެ ސަރަހައްދުތަކުގައި ކުރިން އުޅުނު މީހުން ދިޔައީ އެ މީހުން އުޅުނު ބައެއް ތަންތަނުގައި ހުޅުޖަހާފަ އެވެ. ދަންޑުބިންތަކަށް ގެއްލުންދީ އިމާރާތްތައް ތަޅައި ސުންނާފަތިކޮށްފަ އެވެ. އެއީ އަޒަރުބައިޖާނުން ދިން އަނިޔާ ކަމަށް ސިފަ ކުރުވުމަށެވެ. ހުޅަނގުގެ މީޑިއާތަކުން މި މަންޒަރުތައް ސިފަކޮށް ކިޔައިދެނީ ވެސް އަރުމީނިއަނުން ބޭނުންވާ ގޮތަށެވެ.