މޯލްޑިވްސް ޕޮލިސް ސާވިސް

އެންސީބީ އާއި އެފްއައިޔޫން އެއްބަސްވުމެއް ހަދައިފި

Dec 2, 2020

އިންޓަޕޯލް ސެކިއުއަ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެންސީބީ) މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެންސީބީގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ، މާލެ، ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސްގެ ހެޑް އިބްރާހިމް ނާސިރުއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ އިންޓަޕޯލް އެންސީބީގެ މަސައްކަތްތައް ފުޅާކޮށް ބައިނަލް އަގުވާމީ ގޮތުން ރާއްޖެއިން އިންޓަޕޯލް އާއި ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ. އަދި ޓްރާންސްނޭޝަނަލް ކްރައިމްސްގެ މައްސަލަތަކާ ގުޅިގެން ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިންޓަޕޯލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދޭނެ ކަމަށާއި އިންޓަޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ލިބިގެން ދިއުމުން އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހިމް ނަޞީރު މި ރަސްމިއްޔާތުގައި ދެއްކެވި ވާގަކަފުޅުގައި މިއަދި މި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެފްއައިޔޫއަށް އިންޓަޕޯލްގެ ޑޭޓާބޭސްތަކަށް އެކްސެސް ލިބިގެންދިޔުމަކީ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.