ހަބަރު

ސައްހަ ނޫން ސްލިޕް މައްސަލަ ބޮޑުވާތީ ސަމާލުވާން އެދެފި

Dec 3, 2020

ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަ ނޫން ފައިސާ ދެއްކި ކަމަށް ޓްރާންސްފާ ސްލިޕް ހަދައި ވައިބާކޮށް، އޮޅުވާލައި، މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

މުދާ ގަތުމަށް ފަހު، އެޑިޓްކޮށް، ފޯޖުކޮށްފައިވާ ފައިސާ ދެއްކި ކަމުގެ ސްލިޕު ފިހާރަތަކުގައި ތިބޭ ސޭޓުންނަށް ވައިބާ ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ފުލުހުން ބުނީ މިފަދަ ކަންކަމަކީ ވަރަށް ބޮޑަށް ފާރަވެރިވާންޖެހޭ ކަންކަން ކަމަށާއި، ފައިސާ ލިބުނުތޯ ފިހާރަތަކުގައި ތިބޭ ސޭޓުން ވެސް އިތުރަށް ޔަގީންކުރަން ޖެހޭނެ ކަމަށެވެ.

އަދި ބުނީ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަން ކުރުން ވެސް ތަރައްގީ ކުރަމުން ދާއިރު، މަކަރުވެރިންގެ މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބެންޖެހޭ ކަމަށެވެ.

"ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމު،" ފުލުހުން ބުނެފައިވެ އެވެ.

މިގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމަށް ފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާލުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައި އެވެ.

އަދި އޮންލައިން ޓްރާންސްފާ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުމަކީ ވެސް މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.

ވިޔަފާރިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވައްކަން ކުރުމުގެ ފުރުސަތު ހަނި ގޮތަކަށް ނަމަވެސް ނުދިނުމުގެ ގޮތުން، މިކަމަށް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި އެވެ.