ދުނިޔެ

ކެނެޑާ އެނބުރި އަސްލަށް ވާސިލުވެއްޖެ: ކެނެޑާގެ އާ ބޮޑުވަޒީރު

ކެނެޑާގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި ޖަސްޓިން ޓްރުޑޭ ވިދާޅުވީ ކެނެޑާ މީހުން ކެނެޑާގެ ލިބަރަލް އަސްލަށް އެނބުރި ވާސިލުވެއްޖެ ކަމަށެވެ. ކެނެޑާއަކީ މިނިވަން ހިޔާލުގެ ރައްޔިތަކު ދިރިއުޅޭ، ލިބަރަލް އުސޫލުތަކަށް މަޝްހޫރު ގައުމެއް ނަމަވެސް ވޭތުވެދިޔަ 10 އަހަރުވެސް އެގައުމުގައި ވެރިކަން ކުރީ ކޮންޒަވޭޓިވުންނެވެ.

ޓްރުޑޭގެ ލިބަރަލް ޕާޓީން އިންތިހާބަށް ނުކުތްއިރު އޮތީ ތިންވަނައިގައެވެ. އެހެން ނަމަވެސް މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް، މިވަނީ މެޖޯރިޓީ ހޯދާފައެވެ. ކުރިން ހައިސްކޫލް ޓީޗަރަކަށް ވެސް އުޅުނު ޓްރުޑޭ އަކީ ކެނެޑާގައި ކުރިން ބޮޑުވަޒީރުކަން ކުރި ޕިއޭ ޓްރުޑޭގެ ދަރިފުޅެވެ.

ބޮޑުވަޒީރުކަން ލިބުމަށްފަހު އާންމުންނާ ވާހަކަ ދައްކަމުން ޓްރުޑޭ ވިދާޅުވީ މިއީ ކާމިޔާބީ ފާހަގަ ކުރުމުގެ ވަގުތު ކަމަށާއި އެކަމަކު ހަގީގީ މަސައްކަތް އަދިކިރިޔާ ފެށުނީ ކަމަށެވެ. ކެމްޕޭނުގެ ތެރޭގައިވެސް ލިބަރަލް ޕާޓީން ގިނަ ވައުދު ތަކެއް ވިއެވެ. ކެނެޑާއަށް "ހަގީގީ ބަދަލެއް" ގެންނަވާނެ ކަމަށް އާ ބޮޑުވަޒީރު ތަކުރާރުކޮށް ވިދާޅުވިއެވެ.

• މެދު ފަންތީގެ ރައްޔިތުން އަތުން ނަގާ ޓެކްސް ކުޑަކޮށް މުއްސަނދިން އަތުން ނަގާ ޓެކްސް އިތުރު ކުރުން.
• އުމްރާނީ ތަރައްގީއަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ބަޖެޓް ޑެފިސިޓް ގައި ތިން އަހަރު ދުވަހު ގައުމު ހިންގުން.
• މައްސަލަ ހޫނުވެފައިވާ ކީ ސްޓޯން ތެޔޮ ހޮޅި ތަކުގެ ކަންކަމުގައި ތިމާވެށީގެ ރައްކާތެރިކަމަށް ރިއާޔަތް ކޮށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.
• ސީރިޔާ ރެފިއުޖީންނަށް ދޭ އެހީތެރިކަން އިތުރުކޮށް އިތުރު ރެފިއުޖީންނަށް ކެނެޑާގައި ބޯހިޔާވަހިކަން ދިނުން.
• އައިއެސް އަށް ބޮން އެޅުމުގައި ބައިވެރިވުން ހުއްޓާލުން.
• އިރާގު ސިފައިންނަށް ތަމްރީނުދިނުމުގައި އިތުރު އެހީތެރިކަން ދިނުން.
• ކެނަބިސް ހުއްދަކުރުން

އާ ބޮޑުވަޒީރުގެ ސްޕީޑް ފެންނަނީ ވަރަށް ހަލުވިކޮށެވެ. ޓު ޑޫ ލިސްޓުގައި ހުރި ކަންކަމުގެ ތެރޭން މިހާރުވެސް ބައެއް ކަންކަމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިގޮތުން އައިއެސް އަށް ބޮން އެޅުމުގައި ބައިވެރިވާން ބޭނުން ނޫންކަން ޓްރުޑޭ ވަނީ މިހާރު އޮބާމާއަށް އަންގަވާފައެވެ.

އޮބާމާއަށް ގުޅުއްވައި ދެއްކެވި ވާހަކައިގާ އައިއެސް އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަން ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ކެނެޑާގެ ދައުރު އޮންނަން ބޭނުންފުޅުވަނީ ހަނގުރާމައިގެ މައިދާނުގައި ނޫންކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރަށް އަމާޒުކުރައްވާ އޮބާމާ ކުރެއްވީ ސަމާސާއެކެވެ. މިގޮތުން އަދި ބޮޑުވަޒީރުގެ ބޮލުގައި ހުދުއިސްތަށި ނެތްކަން ފާހަގަ ކުރެވޭ ކަމަށާއި އެކަމަކު ވަރަށް އަވަހަށް ނުރަވެދާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ. 43 އަހަރުގެ ބޮޑުވަޒީރުގެ ބޮލުގައި އެޅިފައިވާ ޒިންމާތައް ބޯ ނުރަވާ ހާ ވެސް ގިނައެވެ. -- މައުލޫމާތު: ބީބީސީ