އިމިގްރޭޝަން

ޝަހުސް އޮޅުވާލައިގެން އެތެރެވި ތިން އަންހެނަކު ހިފަހައްޓައިފި

Dec 6, 2020

ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ބިދޭސީ ތިން އަންހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީ އަކާއި، ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވާފައިވާ ކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރީ އުމުރުން 47 އަަހަރުގެ އަންހެނަކާއި 21 އަހަރުގެ އަންހެނެކެވެ. ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރީ 24 އަހަރުގެ އަންހެނެކެވެ. އެ މީހުންގެ ވަނަވަރު ހާމަ ނުކުރި ނަމަވެސް އެ މީހުންގެ ލޮލާއި އަނގަމަތި ނުފެންނަ ގޮތަށް ފޮޓޯއެއް އިމިގްރޭޝަނުން ޓުވީޓްކޮށްފައި ވެއެވެ.
ނަކަލު ކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ނުވަތަ ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއްގައި ރާއްޖެއަށް ބިދޭސީން އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ ގޮތުން މި އަހަރުގެ ވެސް އެކި ފަހަރު މަތިން އޮޅުވާލައިގެން އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވާފައިވެ އެވެ.

މި ކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ސަރުކާރާއި އިމިގްރޭޝަން އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.