ހަބަރު

ފުލުހުން ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ވަނީ އެފަދަ ބައެއް ތަކެތީގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ހޮވައިގެން ގެންގޮސް ފުލުހާ ހަވާލު ކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ވެގެން ހުއްޓުވައި ފާސް ކުރުމަށް ފަހު އަތުލާފައިވާ ތަކެތި ވެސް ހިމެނެ އެވެ.

ފުލުހުން އިއުލާނުކުރި ތަކެތި

ފުލުހުން އިއުލާނު ކޮށްފައިވާ ލިސްޓްގައި މި މަހުގެ ތިން ވަނަ ދުވަހު އައިޖީއެމްއެޗް ކައިރިން ހޮވި 150 ރުފިޔާ އާއި ޖެހިގެން އައި ދުވަހު ބޮޑުރަސްގެފާނު މަގު، ރައުންޑް ވަން ބުކްޝޮޕް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނުނު މޯބައިލް ފޯނަކާއި އިއްުޔެ ބޮޑުތަކުރުފާނު މަގު، ޑޮލަރު އޭޓީއެމް ތެރެއިން ހޮވި 1000 ރުފިޔާ ހިމެނެ އެވެ.

ވެބްސައިޓް މެދުވެރިކޮށް ފުލުހުން ބުނީ އެ ތަކެތީގެ ވެރިން ފުލުސް އިދާރާގެ ޖެނެރަލް އިންވެސްޓިގޭޝަނަށް ގުޅައި ތަފްސީލު ދިނުމާއެކު ވެރިފަރާތް އެނގޭނެ ގޮތަށް ލިޔުމަކާއެކު ހުށަހެޅުމުން ތަކެތި ލިބޭނެ ކަމަށެވެ.