ހަބަރު

މޯލްޑިވް ގޭހުގެ މައްސަލަ އޭސީސީގެ ތަހުގީގަށް އެދެނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ، މޯލްޑިވް ގޭސް އިން 2018 ވަނަ އަހަރުގެ ކުރިން ގޭސް ގަނެފައި ވަނީ މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް ކަމަށްވާއިރު، އެކަމުގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ނިންމާފައިވަނީ، މައްސަލަ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި ބަލައި، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފޮނުވަން އޭސީސީގައި އެދުމަށެވެ.

ރިޕޯޓްގައިވާ ގޮތުން ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45-60 ޕަސެންޓް ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި އެ ކުންފުނިން އޭރު ވަނީ ވަނީ ހިމަނައިފަ އެވެ.

އަދި 2016 އާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވި ނަމަވެސް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65-99 ޕަސަންޓް ބޮޑުކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން 2016އިން 2018 ވަނަ އަހަރަށް ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250-285 ޑޮލަރުގައި ހުރިއިރު، މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލި ފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލަ އޭސީސީން ތަހުގީގުކޮށް ދިނުމަށް އެދުމުގެ އިތުރުން، ގޭސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމާއެކު ގޭހުގެ އަގު ހެޔޮކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ވެސް އެދިފައިވެ އެވެ.

މީގެ އިތުރުން، ހުށަހެޅުނު ސީރިއަސް ޝަކުވާއަކާ ގުޅިގެން މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑުކޮށްފައި ހުންނަތާ އަހަރަކަށް ގިނަ ދުވަސްވެފައިވާއިރު، އެމްޑީއަކު ނެތި ކުންފުނީގެ މިސްރާބު ގެއްލިގެންދާތީ، މެނޭޖިން ޑިރެކްޓަރަކު ނެގުމުގައި ސަރުކާރާ އެކު މަސައްކަތް ކުރަން ވެސް، އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ގޭސް ގަތުމުގެ ކަންކަން ކޮށްފައިވަނީ، މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް އައްޔަނުކުރުމުގެ ކުރިން ކަމުގައިވީ ނަމަވެސް، އޭރުގެ އެމްޑީއާއެކު އޭނާގެ އިހުމާލުއޮތްކަމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމިޓީން ނިންމި ގޮތަށް، އެ ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.