ބޮލީވުޑް

ވިހި އަހަރު ފަހުންވެސް ޝާހްރުކް - ކާޖޮލްގެ ޖޯޑު އެހާ ލޯބި!

Oct 22, 2015
3

މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ހިންދީ ފިލްމު ކަމަށްވާ ޝާހްރުކް ޚާން އާއި ކާޖޮލްގެ މަޝްހޫރު ރޮމޭންޓިކް ފިލްމު "ދިލްވާލޭ ދުލްހަންޔާ ލޭޖާއެނގޭ" ރިލީޒްކުރިތާ 20 އަހަރު މިވަނީ ފުރިފަ އެވެ.

މީގެ 20 އަހަރު ކުރިން ރިލީޒްކުރި މިފލްމާއެކު ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޖޯޑަށް ޝާހްރުކް އާއި ކާޖޮލް ވެ، ގިނަބައެއްގެ ޖާދޫގައި މިދެތަރިން ޖެހިފައިވާއިރު، 20 އަހަރުފަހުން ވެސް މިދެތަރިންގެ ވިދުމަކަށް ބަދަލެއް ނާދެ އެވެ.

ބޮލީވުޑްގައި އުފެދުނު އެންމެ ލޯބި ޖޯޑުކަމަށް މިދެތަރިންވާއިރު، ފަސްއަހަރުގެ މެދުކެނޑުމަކަށްފަހު މި ދެތަރިން އެކުގައި ކުޅޭ "ދިލްވާލޭ"ގެ ޑައިރެކްޓަރު ރޯހިތު ޝޭޓީ އާއި އަދި މުޅި ޓީމުން ވަނީ މި ދެ ތަރިންގެ ފޭނުންނަށް "ދިލްވާލޭ ދުލްހަންޔާ ލޭޖާއެނގޭ" ރިލީޒްކުރިތާ 20 އަހަރު ފުރުން ފާހަަކުރުމަށް ވަނީ ހާއްސަ ވީޑިއޯއެއް ތައްޔާރުކޮށްފަ އެވެ.

މިވީޑިއޯއިން މީގެ ވިހި އަހަރުކުރިން ރާޖް އަދި ސިމްރަންގެ ގޮތުގައި ދައްކާލި ޖާދޫ ހަމައެގޮތުގައި ދައްކާލާފައިވާއިރު، މިއަދުވެސް އެގޮތުގައި އެކަކު އަނެކަކަށް ބުނެލާ ޑައިލޮގްތައް އެހާމެ ފުރިހަމަ އެވެ.

އެގޮތުން މިވީޑިއޯ ޝާހްރުކް އޭނާގެ ޓްވިޓާގައި އާންމުކުރަމުން ވަނީ މިވީޑިއޯ ބަލަމުން ދިޔައިރު އެނާއަށް ނުހެވޭ އެންމެ ހިނދުކޮޅެއްވެސް ނުދާކަމަށާއި އަދި މިހާރު މިދަނީ ކާޖޮލް އާއެކު "ދިލްވާލޭ"ގެ ވަރަށް ރީތި މަންޒަރެއް ނަގަން ކަމަށެވެ.

މިވީޑިއޯގައި ކާޖޮލް އާއި ޝާހްރުކް ވަނީ މީގެ ވިހި އަހަރުކުރިން "ދިލްވާލޭ ދުލްހަންޔާ ލޭޖާއެނގޭ" ނިމުނު މަންޒަރުގައި ޝާހްރުކް އިން ރޭލަށް އެރުމަށް ކާޖޮލް މޮޔައެއްހެން ދުވަމުން ދިޔައިރުވެސް އެއްވެސް މީހަކު ރޭލު ހުއްޓުވުމަށް ޗޭނަށް ދަމާފައިނުވަނީ ކީއްވެގެން ކަމާއި މެދު ވާހަކަދައްކާފަ އެވެ. މީގެއިތުރުން ކާޖޮލް އާއި ޝާހްރުކްގެ "ކުޗް ކުޗް ހޯތާހޭ"ގައ ދެމީހުން އަރާރުންވާ ފަދަ މަންޒަރެއްވެސް މިވީޑިއޯގައި ފެނިގެންގޮސްފައިވާއިރު، "ދިލްވާލޭ ދުލްހަންޔާ ލޭޖާއެނގޭ" ގައި ކާޖޮލްގެ މޫނަށް ފިނިފެންމަލަކުން ފެންޖެހި މަންޒަރުވެސް ވަނީ އަނެެއްކާ ވެސް ތަފާތުގޮތަކަށް މިވީޑިއޯއިން ފެނިގެންގޮސްފަ އެވެ.

މިވީޑިއޯއާއެކު މިޑިސެމްބަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ދިލްވާލޭ" އަށް ބެލުންތެރިންކުރަމުން އަންނަ އިންތިޒާރު އެތައް ގުނައެއް އިތުރުވާނެކަން ޔަގީނެވެ.

ޝާހްރުކް އާއި ކާޖޮލް "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" ގައި ކުޅުނު ރާޖް-ސިމްރަން ރޯލަކީ މިހާތަނަށް ބޮލީވުޑުން ފިލްމަކުން ފެނިފައިވާ އެންމެ އަސަރުގަދަ ލޯބީގެ ބައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި މިދެތަރިން ވައްޓާލެވޭވަރުގެ ޖޯޑެއް ކުރިއަށް އޮތްތަނުގައިވެސް ބޮލީވުޑަށް އުފަންވާނެ ހެން ހިޔެއްނުވެ އެވެ.