ދިވެހި މީޑިއާ

އެމްއެމްސީގެ ރައީސާއި ނައިބު އިންތިހާބު ނުކުރެވުނު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ކައުންސިލަށް އަލަށް އިންތިހާބުވި މެންބަރުންގެ ތެރެއިން އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ހޮވަން ކުރި މަސައްކަތް މިއަދު ކާމިޔާބު ނުވެ ބައްދަލުވުން ނިންމާލައިފި އެވެ.

ބާ ޖަމާލުއްދީން ގައި ހުންނަ ގައުމީ އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި މީޑީއާ ކައުންސިލްގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓްރީންނެވެ. ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް މިއަދު ބައްދަލުވުން އިންތިޒާމު ކުރީ ވެސް ހޯމް މިނިސްޓްރީންނެވެ. މިޑީއާ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިންތިހާބު ނުބޭއްވުނީ، ކައުންސިލަށް ހޮވުނު މެންބަރުން ގާނޫނީ ނުކުތާއެއް ފެންމަތި ކުރުމުންނެވެ.

"އެބޭފުޅުން ފާހަގަ ކުރި ގަނޫނީ ނުކުތާއަކީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ހޮވާނީ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުން ކަމަށް،" މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ. "އެކަމުގައި މިނިސްޓްރީއަށް ދައުރު އަދާ ނުކުރެވޭނެ ކަމަށް އެބޭފުޅުން ފާހަގަ ކުރެއްވި. އެހެންވެ އަޅުގަނޑުމެން ވެސް އެކަން ގާނޫނީ ގޮތުން އިތުރަށް ސާފު ކުރަން ވެގެން މިއަދު ބައްދަލުވުން ނިންމާލީ."

މިހާރު އޮތް މީޑިއާ ކައުންސިލްގެ ދައުރު މި މަހު ހަމަ ވާނެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވޯޓްގައި 187 މީޑިއާއަކުން ބައިވެރިވިއެވެ.

އަލަށް ހޮވުނު މީޑިއާ ތަމްސީލް ކުރާ ހަ މެންބަރުން

އަލީ ހުސައިން (ޕީއެސްއެމް)
ހުސައިން ޝަފީގް (ތިލަދުން)
މުއިއްޒު އިބްރާހިމް (މިހާރު)
އާދަމް ނަވާޒް (ވަގުތު)
އާދަމް ނަޒީރު (ހަތާވީސް އޮންލައިން)
ހަސަން ޝާކިރު މުހައްމަދު (އަސްދަނޑި)
ޝަހުބާން ފަހުމީ (ސަންގް ޓީވީ)

އާންމުން ތަމްސީލް ކުރާ ހަ މެންބަރުން

ފާތިމަތު އަހުމަދު - 142
އަންވަރު އިބްރާހިމް - 112 ވޯޓް
އިބްރާހިމް ފައުޒީ - 99 ވޯޓް
އަހުމަދު މޫސާ - 90 ވޯޓް
ޝަފާއަތު ހަބީބް - 83 ވޯޓް
މުހައްމަދު ޝަފާއު ހަސަން - 82 ވޯޓް

މީޑިއާ ކައުންސިލްގައި ތިއްބަވަނީ 14 މެންބަރުންނެވެ. ދެ މެންބަރެއްގެ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ. އެހެން ކަމުން އަންނަ އަހަރު މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނެ އެވެ.

މީޑިއާ ކައުންސިލްގެ އައު ދައުރަށް މެންބަރުން އިންތިހާބު ކޮށްފައިވާއިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެއެވެ. އެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މީގެ ކުރިން ކޮށްފައިވެއެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ ދެ އިދާރާ އެއްކޮށްލާ "މޯލްޑިވްސް މީޑިއާ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ނިންމާ އެކަމާއި ގުޅޭ ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަންނަ އަހަރުގެ ކުރީކޮޅު އެ ބިލް މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.