ދުނިޔެ

އަބޫދާބީގެ 144 ބުރީގެ ޓަވަރުތައް ފަނާކޮށްލަން ނެގީ 10 ސިކުންތު

ޔޫއޭއީގެ އަބޫ ދާބީގެ މިނާ ޒާއިދުގައި ހުރި މިނާ ޕްލާޒާ ޓަވަރުގެ 144 ބުރީގެ އުސް އިމާރާތް އެންމެ 10 ސިކުންތު ތެރޭގައި ބިމާ ހަމަކޮށްލައިގެން މުޅިން އާ ރެކޯޑެއް ގާއިމް ކޮށްފި އެވެ.

ގޮވާތަކެތި ބޭނުން ކޮށްގެން ގޮއްވާލާ އެންމެ އަވަހަށް ބިމާ ހަމަކޮށްލައި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް މިހާރު ވަނީ 165 މީޓަރުގެ އުސް މި ޓަވަރުތައް އަރާފަ އެވެ.

މި ޓަވަރުތައް މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބިމާހަމަކޮށްލީ 6000 ކިލޯގެ ޕްލާސްޓިކް އެކްސްޕްލޯސިވްސް ބޭނުންކޮށްގެންނެވެ.
މި އިމާރާތް ހަލާކުކޮށްލީ މިނާ ޒައިދު އަލުން ތަރައްގީކުރުމަށްޓަކައި ހިންގާ މެގަ ޕްރޮޖެކްޓެއްގެ ދަށުން އަލުން މި ތަން ބިނާކުރުމަށެވެ.
މި ހިސާބުގަނޑުގައިވާ ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތްކުރާ ސަރަހައްދު އަލުން އާ ގޮތަކަށް ބިނާކުރަން ވަނީ ހަމަޖެހިފަ އެވެ.
މިނާ ޒައިދު އަކީ އަބޫދާބީގެ މައި ކަނޑުގެ ބަނދަރާ ކައިރީގައި 1972 ގައި އިމާރާތްކުރި ތަނެކެވެ. ފާއިތުވީ 40 އަހަރުއްސުރެ މިތަނުން ގިނަ ޚިދުމަތްތަކެއް ދެމުން ގެންގޮސްފައި ވެއެވެ.

އަބޫ ދާބީ ފުލުހުން ބުނި ގޮތުގައި މި އިމާރާތް ބިމާ ހަމަކޮށްލުމުގެ ކުރިން ވަށައިގެންވާ ހުރިހާ ހިސާބެއްގައިވާ އިމާރާތްތަކެއްގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ވެއެވެ.