އިމިގްރޭޝަން

ބޮޑު ޗުއްޓީއާ އެކު 5،000 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދައިފި

އަހަރުގެ ބޮޑު ބަންދާ ދިމާކޮށް 5،000 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދައިފި ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އިން ހާމަކޮށްފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް "އަވަސް" އަށް މިއަދު ވިދާޅުވީ އަހަރު ފަހުކޮޅު އަންނަ ބޮޑު ޗުއްޓީގައި ރާއްޖެއިން ބޭރަށް ޗުއްޓީ ހޭދަކުރަން ދިއުމަށް، ގިނަ އަދަދެއްގެ މީހުން ޕާސް ޕޯޓު ހައްދަން އަންނަ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު މާލެއިން އެކަނިވެސް 5800 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހައްދަން ދާ މީހުންގެ ކްރައުޑު ވަރަށް ބޮޑު. އަޅުގަނޑުމެން އެންމެ ފަހުން ބެލި ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުން ފެށިގެން މިމަހު ތިނަކާ ހަމަޔަށް މާލެއިން އެކަނިވެސް 5867 މީހުން ވަނީ އިމިގްރޭޝަން އަށް އައިސް ޕާސް ޕޯޓު ހައްދާފައި،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް މިދިޔަ މަހުގެ ތެރޭގައި ގިނަ ބަޔަކު ޕާސްޕޯޓް ހައްދާފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ އިން 114 މީހުން، ފުވަމުލަކުން 216 މީހުން އަދި ހދ. ކުޅުދުއްފުށިން 219 މީހުން ޕާސްޕޯޓް ހައްދާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރުގެ މިހާތަނަށް 31،100 މީހުން ޕާސްޕޯޓު ހެއްދި ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ޕާސްޕޯޓު ހައްދާފައިވާ އިރު އެތަށް ބަޔަކު ވަނީ ބޭރުގައުމުތަކަށް ޗުއްޓީ ހޭދަކޮށްލުމަށް ފުރާފަ އެވެ. އެގޮތުން އައިލެންޑް އޭވިއޭޝަން އިން ބުނެފައި ވަނީ ބޮޑު ޗުއްޓީ ފެށުމާ އެކު މޯލްޑިވިއަންގެ ދަތުރުތަކަށް ވަރަށް ބާރު ބޮޑުވެފައިވެފައިވާ ކަމަށެވެ.