ބޮލީވުޑް

"ޝާންދާރް": ޝާހިދު ކަޕޫރުގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެބާ؟

Oct 22, 2015

ޒުވާން ދެ އެކްޓަރުން ކަމަށްވާ ޝާހިދު ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ރޮމޭންޓިކް ކޮމެޑީ ފިލްމު "ޝާންދާރް" މިއަދު ރިލީޒްކުރާނެ އެވެ.

މިއީ ޝާހިދު އާއި އާލިއާ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށް ވުމުގެ އިތުރަށް ޝާހިދު އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރާއެކު ވެސް ފިލްމެއްގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި ޝާހިދުގެ އެއްބަފާ ކޮއްކޮ ސަނާ ކަޕޫރު ބޮލީވުޑަށް މިފިލްމުން ތައާރަފުވާއިރު، މިއީ ހުރިހާ ގޮތަކުން ވެސް ޝާހިދަށް ހާއްސަ ފިލްމެކެވެ.

މިޖުލައި މަހުގެ ކުރީކޮޅު ދިއްލީ އަށް ނިސްބަތްވާ މީރާ ރާޖްޕޫތް އާއި ކައިވެނިކުރިފަހުން ޝާހިދުގެ ނިކުންނަ ފުރަތަމަ ފިލްމަށް މިފިލްމު ވެފައިވާއިރު، ފިލްމުގެ ޕޯސްޓަރުތަކާއ ޓްރެއިލާއިން ޝާހިދު އާއި އާލިއާގެ ކެމިސްޓްރީ ފުރިހަމަކަމުން މިފިލްމަށް ބެލުންތެރިން ކުރާ އިންތިޒާރު ބޮޑެވެ. ހާއްސަކޮށް، މިއީ ޒުވާން ލޯބީގެ ވާހަކައަކަށް ވުމުން، ޔޫތް ކްރައުޑް މިފިލްމު ބަލަން ގިނައަދަދަކަށް ސިނަމާއަށް ވަނުން ގާތެވެ.

މިދިޔަ އަހަރު ނިކުތް "ހައިދަރް" އިން ޝާހިދުގެ ވިދުން ގަދަވެފައިވާއިރު، 2013 ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމުކަމަށްވާ "ކްއީން"ގެ ޑައިރެކްޓަރު ވިކާސް ބަލްގެ ފިލްމަކަށް "ޝާންދާރް" ވުމުން މިފިލްމަށް ބެލުންތެރިން ކުރާ އުންމީދު ވަރަށް ބޮޑެވެ.

ނިދަން އުނދަގޫ ދެ މީހަކު ބައްދަލުވެ އެކަކު އެނެކަކު ދެކެ ލޯބިވެވިގެން އެ ލޯބި އިންތިހާއަށް އުފުލިގެންދާ ގޮތް ފެނިގެންދާ މިފިލްމު މިއަދު ސިނަމާތަކުގައި ދައްކަން ފަށާއިރު، މިފިލްމަށް އޮތް އެންމެ ބޮޑު ފައިދާ އަކީ އިތުރު ފިލްމެއް މިފިލްމާއެކު ރިލީޒްނުވުމެވެ. އަދި މިއަދަކީ އިންޑިއާގައި ފާހަގަކުރަމުން އަންނަ ފެސްޓިވަލް ދުވަހަކަށް ވުމުން ގިނަބަޔަކު ސިނަމާތަކަށް މިފިލްމު ބަލަން ވަންނާނެ ކަމަށްވެ އެވެ.

މީގެއިތުރުން އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ ސަލްމާން ޚާނާއި ސޯނަމް ކަޕޫރުގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ރިލީޒްކުރުމުގެ ކުރިން އިތުރު ބޮޑު ފިލްމެއް ރިލީޒްކުރުމަށް ހަމަޖެހިފައި ނެތުމުން، ބޮކްސް އޮފީސް ހަމަޖެހިލައިގެން ފަތަހަ ކުރަން "ޝާންދާރް" އަށް ރަނުގެ ފުރުސަތެއް ލިބޭނެ އެވެ.

މިހާތަނަށް ޝާހިދުގެ އެތަކެއް ފިލްމެއް ރިލީޒްވެފައިވާއިރު، އޭގެތެރެއިން ބްލޮކްބާސްޓާގެ ދަރަޖަ ލިބިފައިވަނީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ "ވިވާ" އަށް އެކަންޏެވެ. މީގެއިތުރުން "ޖަބް ވީ މެޓް" އާއި 'އާރް.. ރާޖްކުމާރު" އަދި 'ހައިދަރް" އަކީ ބެލުންތެރިންގެ ވަރަށް ގަޔާވި ފިލްމުތައް ނަމަވެސް ބްލޮކްބާސްޓާގެ ދަރަގަ މިފިލްމުތަކަކަށް ލިބިގެންނެއް ނުދެ އެވެ.

އެހެންކަމުން 100 ކްރޯޑް ޝާހިދުގެ ފިލްމަކަށް އަދި މިހާތަނަށް ލިބިފައިނުވާއިރު، މިފިލްމަކީ ހަމަޔަގީނުންވެސް ޝާހިދުގެ އެންމެ އުންމީދީ ފިލްމަށް ވާނެ ކަން ޔަގީނެވެ. ސަބަބަކީ މިފިލްމުގެ ޝާހިދު އާއެކު ފެނިގެންދާ ޒުވާން ބަތަލާ އާލިއާގެ "ޓޫ ސްޓޭޓްސް" އަށް 100 ކްރޯޑް ލިބިފައިވާއިރު، އޭނާގެ މިހާތަނަށް ނިކުތް ހުރިހާ ފިލްމަކަށް ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ.

މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކާއި ހިލާފަށް މިފިލްމަކީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން އެންމެ ބޮޑަށް ޕްރޮމޯޓްކޮށްފައިވާ އެއް ފިލްމެވެ. ފިލްމުގެ ލަވަތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު "ގުލާބޯ" އާއި "ޝާމް ޝާންދާރް" ޗާޓުތަކުގެ ކުރީގައި އުޅޭތާ ތިން ހަފްތާއެއް ހާ ދުވަސްވާން ކައިރިވަނީ އެވެ.

ޓްރޭޑް އެނަލިސްޓުން މިފިލްމަށް ލިބިގެންދާނެ އާމްދަނީ އާއި ބެހޭގޮތުން ބުނެފައިވަނީ ފިލްމުގެ ލަވަތަކާއި ޓްރެއިލާ އަދި ޕޯސްޓަރުތަކަށް ބެލުންތެރިންގެ ތައުރީފު އޮހެމުން އަންނަކަމީ ފިލްމުގެ ވިޔަފާރި ރަނގަޅު ވާނެ ކަމުގެ ހެޔޮ ފާލެއް ކަމަށެވެ. އަދި މިފިލްމު ރިލީޒްކުރަނީ ބުރާސްފަތި ދުވަހުގައި ކަމުން ފުރަތަމަ ދުވަހު 9 - 12 ކްރޯޑް މިފިލްމަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ފުރަތަމަ ދުވަހު މިފިލްމާއި ބެހޭގޮތުން ކްރިޓިކްސް އާއި ބެލުންތެރިން ރަނގަޅު ވާހަކަދައްކާނަމަ ފުރަތަމަ ހަފްތާ ބަންދުގައި 50 ކްރޯޑް މަދުވެގެން މިފިލްމަށް ލިބުން ގާތެވެ.

މިފިލްމަކީ ޝާހިދުގެ ފިލްމީ ކެރިއަރުގައި ނިކުތް އެންމެ ކާމިޔާބު ފިލްމަށް ވެދާނެ ހެއްޔެވެ؟ މިފިލްމާއެކު ޝާހިދުގެ ފިލްމަކަށް ފުރަތަމަ ފަހަރަށް 100 ކްރޯޑް ކްލަބަށް ވަދެވިދާނެ ހެއްޔެވެ؟ ނުވަތަ އާލިއާގެ "ޓޫ ސްޓޭޓް" އަށް ވުރެން ބޮޑު އާމްދަނީ އެއް މިފިލްމަށް ލިބިދާނެ ހެއްޔެވެ؟