ހިޔާ މަޝްރޫއު

ހިޔާ ފްލެޓްގައި ލަނީ އޮރެންޖް ކުލަ: އެޗްޑީސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ލަމުންދަނީ އޮރެންޖް ކުލަ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ބައެއް ފްލެޓްތަކުގައި ރީދޫ ކުލަ ލަމުންދާ ކަމަށް އިދިކޮޅުން ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް މިރޭ އާންމުކުރި ޕޯސްޓެއްގައެވެ. އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ހިޔާ ފްލެޓްތަކުގައި ރީދޫ ކުލަ ލަމުންދާ ކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ވަނީ އާންުކޮށްފައެވެ.

އެކަމާއި ގުޅިގެން އެޗްޑީސީން މިރޭ ބުނީ ފްލެޓްތަކުގައި ލަމުންދަނީ އޮރެންޖް ކުލަ ކަމަށެވެ. އަދި ބައެއް ފްލެޓްތަކުގައި އޮރެންޖް ކުލަ ފުރަތަމަ ލާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެޗްޑީސީން ބުނީ އަލުން އޮރެންޖް ކުލަ ލުމުގެ މަސައްކަތް ކުރަމުން ދަނީ އެ މަސައްކަތް ކުރިންވެސް ކުރި ކޮންޓްރެކްޓަރު ކަމަށެވެ. އަދި އޮރެންޖް ކުލަ އައު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުލަ ފޭދުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ. އެ މަސައްކަތަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާ ކަމަށްވެސް ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން 7،000 ފްލެޓް އިމާރާތްކޮށްފައިވެއެވެ. އެއީ 16 ޓަވަރެވެ. އެކި ޓަވަރުތަކުގައި ލާފައިވަނީ އެކި ކުލައެވެ.

ހިޔާ ފްލެޓްތަށް ލިބޭނެ މީހުން އެ ސަރުކާރުން ކަނޑައަޅާ ލިޔުން ދިން ނަމަވެސް އެއީ އިންސާފުން ކޮށްފައިވާ ކަމެއް ނޫން ކަމަށް މި ސަރުކާރުން ދެކެއެވެ. އެހެން ކަމުން އިންސާފުވެރި ކޮށް ފްލެޓް ދިނުމަށް ފްލެޓް ކޮމެޓީ އެއް އުފައްދާ މަސައްކަތް ވަނީ ފަށާފައެވެ. އެ މަަސައްކަތް މި މަހު ނިންމާ ދާއިމީ ލިސްޓް އިއުލާނު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ފްލެޓް ކޮމެޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކުރި އެޗް4 ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ އެޗް5 ކެޓަގަރީ އާއި މާލެ ރައްޔިތުންނަށް ހާއްސަ އެޗް8 ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ކުރި އެޗް10 ކެޓަގަރީ އާއި މާލެ މުނިސިޕަލްޓީ ހާއްސަ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ހާއްސަ އެޗް9 ކެޓަގަރީގެ އިތުރުން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކުރި އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. ވަގުތީ ލިސްޓްތަކާއެކު ކުރީ ސަރުކާރުން ފްލެޓް ދޭނެ ކަމަށް ލިޔުން ލިބުނު އެތަށް ބަޔަކަށް ފްލެޓް ނުލިބޭނެ ކަން ވަނީ ޔަގީންވެފައެވެ. އެހެން ކަމުން އެ މީހުން ވަނީ ގިނަ ޝަކުވާތަކެއް ހުށައަޅާފައެވެ.

މިހާތަނަށް ވަގުތީ ލިސްޓް ނެރެފައި ނުވަނީ ސިވިލްސާވިސް މުވައްޒިފުންނަށް ހާއްސަ ކުރި ކެޓަގަރީގެއެވެ.