ގެސްޓް ހައުސް ވިޔަފާރި

ގެސްޓްހައުސް މުވައްޒިފުން މަހަކު އެއް ފަހަރު ކޮވިޑަށް ޓެސްޓް ކުރަންޖެހޭ

މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒިފުން މަހަކު އެއް ފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ލާޒިމުކޮށް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިން އާންމުކޮށްފި އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މާދަމާއިން ފެށިގެން ދިނުމަށް ވަނީ ނިންމާފައެވެ. އެ ނިންމުމާއި ގުޅިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިން މިރޭ ވަނީ އާންމުކޮށްފައެވެ.

މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭނީ އެ ގެސްޓްހައުސްއަކުން އަމަލުކުރާނެ އެސްއޯޕީއެއް ހަދާ ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމުން އެ އެސްއޯޕީ އެކުލަވާލާފައިވާ ގޮތް ބެލުމަށްފަހު އެޗްޕީއޭގެ މިންގަނޑުތަަކަށް ފެތޭނަމަ އެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިންގައިވާ ގޮތުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް ތިބެވޭނެ އެވެ. އަދި ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް އެހެން ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައްވެސް ދެވޭނެ އެވެ. ނަމަވެސް މާލޭގައި 48 ގަޑިއިރަށްވުރެ އިތުރަށް މަޑުކޮށްފިނަމަ ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައް ދެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކުގައެވެ. އަދި މާލޭގައި މަޑުކުރުމަށްފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިންވެސް ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.

ގައިޑްލައިންގައިވާ ގޮތުން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒިފުން މަހަކު އެއް ފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ. އަދި ކޮންމެ ގެސްޓް ހައުސްއެއްގައި އައިސޮލޭޝަން ރޫމާއި އެ ނޫންވެސް ގިނަ ކަންތައްތަކެއް ފުރިހަމަވާން ޖެހެއެވެ. އަދި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދީ ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި 2،500 ބެޑް އެބަހުއްޓެވެ. އޭގެތެރެއިން 1،400 ބެޑް ހުރީ ހުޅުމާލޭގައެވެ. މާލޭގައި ހާހެއްހާ ބެޑް ހުރިއިރު ވިލިމާލޭގައި 100 ބެޑް އެބަހުއްޓެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ޑިސެންބަރު ނިމޭއިރު 90 ޕަސެންޓް އޮޕަރޭޝަނަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.