ހަބަރު

ތުހުމަތުތަކާއެކު މުސްތޮފާ، ގާސިމްގެ ފަހަތުން

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާއާ ދެމެދު އަރައިރުމެއް އުފެއްދި މުސްތާފާގެ ފަރާތުން ގާސިމަށް ބޮޑެތި ތުހުމުތައް ކުރަން ފަށައިފި އެވެ.

އާންމު ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ވާހަކަތައް އަބަދުވެސް ޓްވިޓާ މެދުވެރިކޮށް ދޫކުރައްވާ މުސްތޮފާ، މި ސަރުކާރުގެ ކޯލިޝަންގެ އެއް ބައިވެރިޔާ ގާސިމަށް ގިނަ ތުހުމަތަކެއް ރެއިން ފެށިގެން ދަނީ ކުރައްވަމުންނެވެ. އޭނާ ފުރަތަމަ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކައްވާލައިފި" ކަމަށެވެ. އަދި ގާސިމް ޖަޕާނުގެ އެ މީހާ "އިނދަ ޖައްސާލައިފި" ކަމަށެވެ.

އޭގެ ފަހުން ގާސިމް ވަނީ މުސްތަފާގެ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ އެއްވެސް މިންވަރަކަށް އެކަމުގައި ހަގީގަތެއް ނެތް "ބުހުތާން ދޮގު" ވާހަކަތަކެއް ކަމަށެވެ. އެފަދަ ނުބައި އަމަލުތަކުން މުޅި އިންސާނިޔަތު ސަލާމަތް ކުރުމަށް އެދި އޭނާ ދުއާއެއް ވެސް ކުރައްވާފައި ވެއެވެ.

ގާސިމްގެ ރައްދަށް ފަހު ވެސް މުސްތަފާ ވަނީ އިތުރަށް ގިނަ ވާހަކަ ދައްކަވާފަ އެވެ. އެ ގޮތުން ގާސިމް 1994 ވަނަ އަހަރު އޭނާގެ އަތުން 50000 ޑޮލަރު ފޭރުނު ކަމަށް ވިދާޅުވެ އެ ނޫންވެސް ގިނަ ތުހުމަތުތައް ގާސިމްގެ އިސްތަށިފުޅުގައި އަޅުވާފައި ވެއެވެ.

ސިޔާސީ މަސައްކަތުގެ އިތުރުން މުސްތޮފާ ވެސް ވިޔަފާރި ކުރައްވަ އެވެ.