ވިޔަފާރި

ސަރުކާރު ކުންފުނިތަކުގެ ސާފު ފައިދާ 86 ޕަސެންޓް ދަށަށް

Dec 16, 2020

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ލިބުނު ސާފު ފައިދާ، މިދިޔަ އަހަރާ އަޅާ ބަލާއިރު 86 ޕަސެންޓް ދަށްވެއްޖެ އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުން ނެރެފައިވާ، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ކުންފުނިތަކުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި މައުލޫމާތު ލިބުނު 28 ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ އެންމެ 136 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ އަހަރު ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 86 ޕަސެންޓުގެ ދަށްވުމެކެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް އާމްދަނީ އާއި ސާފު ފައިދާ ދަށްވެފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 346 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މި އަހަރު ލިބިފައިވަނީ 166 މިލިއަން ރުފިޔާ އެވެ. މިއީ 148 ޕަސެންޓުގެ ދަށްވުމެކެވެ.

އަދި އެމްޕީއެލްގެ ފައިދާ ވެސް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 31 މިލިއަން ލިބުނު ނަމަވެސް 126 ޕަސެންޓް ދަށްވެ، މި އަހަރު ލިބުނީ އެންމެ 8.1 މިލިއަން ރުފިޔާ އެވެ. އަދި ކޮވިޑުގެ އަސަރުކޮށް އައިލެންޑް އޭވިއޭޝަންގެ އާމްދަނީ އާއި ސާފު ފައިދާވެސް ވަނީ ދަށްވެފަ އެވެ.

ފައިދާ އިތުރުވީ ހަމައެކަނި އެސްޓީއޯއާއި އެމްޓީސީސީ

މި ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު ސާފު ފައިދާ އިތުރުވެފައިވަނީ ހަމައެކަނި ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އާއި އެމްޓީސީސީ އަށް އެކަންޏެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 14 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނުއިރު، މި އަހަރު ލިބިފައިވަނީ 15 މިލިއަން ރުފިޔާ އެވެ. އެހެންވެ އެ ކުންފުނީގެ ސާފު ފައިދާ ވަނީ ފަސް ޕަސެންޓު އިތުރުވެފަ އެވެ. އަދި އެސްޓީއޯ އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 76 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު 104 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބި ފައިދާ 37 ޕަސެންޓް އިތުރުވެފައިވެ އެވެ.

މި ކުއާޓަރުގައި ސަރުކާރުގެ ކުންފުނި ތަކަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ ދަށްވެފަ އެވެ. ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.2 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރު ލިބުނު ހަތް ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 41 ޕަސެންޓުގެ ދަށްވުމެކެވެ.