ވިޔަފާރި

އުރީދޫ އިން މާލެ އަށް 5ޖީ ދޭން ފަށައިފި

Dec 20, 2020

އިންޓަނެޓުގެ އެންމެ ހަލުވި ސްޕީޑް ގެނެސްދޭ ޓެކްނޮލޮޖީ 5ޖީގެ ހިދުމަތް އުރީދޫ މޯލްޑިވްސް އިން މާލެ އަށް ދޭން ފަށައިފި އެވެ.

ރާއްޖޭގެ އިންޓަނެޓުގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލެ ސިޓީ އަށް އުރީދޫން 5 ޖީ ދޭން ފެށުން ފާހަގަ ކުރަން، މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ތައާރަފުކޮށް ދެއްވީ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މުހައްމަދު އަލީހު ޖަމާލު އެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގަތެވެ.


މި ރަސްމިއްޔާތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ވިދާޅުވި މިއަދުގެ ދުނިޔޭގައި އިންޓަނެޓާ ނުލައި ނޭވާ ވެސް ނުލެވޭނެ ކަމަށް ބުނެވިދާނެ ކަމަށާ އިންޓަނެޓު އެހާ މުހިންމު ވެފައިވާ ކަމަށެވެ.

"ނޭވާލާން އޮކްސިޖަން ބޭނުންވާ ގޮތަށް އިންޓަނެޓު ބޭނުންވޭ، އެހާ މުހިންމު ހިދުމަތެއް މިއީ. އިންޓަނެޓަކީ މިހާރު ބޭސިކް ހިއުމަން ރައިޓްސްއެއް. ނަމަވެސް އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ވަޔަލެސް ހިދުމަތް ދޭން ދަތި ތަކެއް އެބަހުރި،" މަލީހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތުގައި ވެސް އުރީދޫން ފަހުގެ ޓެކްނޮލޮޖީ ގެނެސްދީފައިވާ ކަމަށެވެ.

"އަޅުގަނޑު ފާހަގަ ކުރަން ފަހުގެ ޓެކްނޮލޮޖީ ގެނެސްދޭ ކުންފުންޏެއްކަން އުރީދޫއަކީ. ރާއްޖެ އަށް މިވަނީ 5ޖީ ގެނެސްދީފަ. މިއީ ފާހަގަ ކޮށްލަން ޖެހޭ ކަމެއް،" މަލީހު ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވީ މިއީ ރާއްޖެ އަށް މުޅިން އާ ދުވަހެއްގެ ފެށުން ކަމަށެވެ. އަދި މި ފަދަ ދަތިހާލަތެއްގައި މި ހިދުމަތުގެ ސަބަބުން ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ މޮބައިލް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރަމުން މިއީ އެކަމުގެ އާ ފެށުމެއް،" ނަޖީބު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ޗެއާމަން ވިދާޅުވި ގޮތުގައި އެންޑްރޫ ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުން ގުޅިގެން ދަނީ ނޫން އެކަނި ކަމަށާ، މީގެ އިތުރުން ގައުމަށްވެސް ގިނަ ފައިދާ ތަކެއް ކުރާނެ ކަމަށެވެ.

"މިއީ ޑިޖިޓަލް އިކޮނޮމީއަށް ހުޅުވިގެން ދާނެ ފުރުސަތެއް. އުރީދޫ 5ޖީ ނެޓްވޯކް އިން ސްޕީޑުގެ އިތުރުން ގިނަ ފައިދާ ތަކެއް ލިބިގެން ދާނެ،" އެންޑްރޫ ވިދާޅުވި އެވެ.

އުރީދޫން 5 ޖީ ހޯމް ބްރޯޑް ބޭންޑް ރާއްޖެއަށް

އުރީދޫން މިއަދު ބޭއްވި ރަސްމިއްޔާތުގައި 5ޖީ ހޯމް ބްރޯޑް ބޭންޑް ސާވިސް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މި ހިދުމަތް ތައާރަފުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މި ހިދުމަތް ގޭގޭގެ އިތުރުން ވިޔަފާރި ތަކަށް ވެސް ދޫކުރާނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ.