ހަބަރު

ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ބަލަން ދިރާސާއެއް

Dec 21, 2020
4

ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ މަގެއް ދެނެގަތުމަށް ދިރާސާއެއް ފަށައިފި އެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނީ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ވާލްޑް ބޭންކުގެ އެހީގައި "މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ނަމުގައި ސާވޭއެއް ކުރަން ފަށާފައިވާ ކަމަށެވެ.

އެ ސާވޭގެ މަސައްކަތް ރާއްޖޭގެ އެކި އަތޮޅުތަކުން ރަށްރަށުގައި 28 ފެބްރުއަރީ 2021 އާހަމައަށް ކުރިއަށް ދާނެކަމަށް ބުންޏެވެ.

އިތުރަށް ބުނީ، މި ދިރާސާއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަމަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެ ގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއް ކަމަށެވެ.

އަދި މި ދިރާސާއިން ހޯދޭ މަޢުލޫމާތުގެ ތެރެއިން ޝާއިއު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މައުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތައްކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ދިރާސާ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފޯން ސާވޭއަކާއި އަދި ކަމާގުޅުންހުރި ފަރާތްކާއިއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގަ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ މިއީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާވޭކުރުމުގެ ހުއްދަ ލިބިގެން ކުރިއަށް ގެންދާ ސާވޭއެއް ކަމަށެވެ.