ހަބަރު

ނަގުދު ފައިސާ ރިޕޯޓު ކުރަންޖެހޭ އަދަދު 10،000 ޑޮލަރަށް ދަށްކޮށްފި

Dec 23, 2020

ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ރިޕޯޓްކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވައިދަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބަދަލު ގެނެސްފި އެވެ.

މަނީލޯންޑްރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 2015 ވަނަ އަހަރު އެކުލަވާލި، "ރާއްޖެއަށް އެތެރެކުރާ އަދި ބޭރަށް ގެންދާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދުގައި އެންމެ ފުރަތަމަ ބުނީ، 30،000 ޑޮލަރު ނޫނީ އެއަށް ވުރެ މަތީ އަދަދަކާ އެއްވަރުގެ ނަގުދު ފައިސާ ބޭރު ކުރާ ނަމަ ނޫނީ ރާއްޖެ އެތެރެ ކުރާނަމަ، "ކޭޝް ޑިކްލަރޭޝަން" ފޯމް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް، އެ އަދަދު ދަށް ކުރަމުން އައިސް، މިދިއަ ޖެނުއަރީ މަހުގެ ތެރޭގައި އެ އަދަދު ވަނީ 20،000 އެމެރިކާ ޑޮލަރަށް ދަށްކޮށްފައި އެވެ.

އެމްއެމްއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، 10،000 ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ އަދަދަކުން ރާއްޖެއަށް ފައިސާ އެތެރެ ކުރާ ނުވަތަ ބޭރުކުރާ ނަމަ ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެކަމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މި ބަދަލަށް އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، ދިވެހި ރުފިޔާއިން ނުވަތަ ބޭރުގެ އެހެން ގައުމެއްގެ ފައިސާއަކުން ނަމަވެސް، މިހާރު ކަނޑައެޅުނު އަދަދަށް ނުވަތަ އެއަށް ވުރެ މަތީގެ އަދަދަކުން އެތެރެކޮށް، ބޭރުކުރާނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށް މަރުކަޒީ ބޭންކުން އިތުރަށް ބުންޏެވެ.

ރިޕޯޓްކުރަންޖެހޭ އެހެން ނަމަވެސް ރިޕޯޓްކޮށްފައިނުވާ ނަގުދު ފައިސާއަކީ މަނީ ލޯންޑްރިންގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިފައިވާ ފައިސާއެއް ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވޭނަމަ، ނުވަތަ ރިޕޯޓް ކުރުމުގައި ނުރަނގަޅު މައުލޫމާތުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، ކަސްޓަމްސްއަށް އެ ފައިސާތައް ހިފެހެއްޓުމުގެ ބާރު އެ ގަވާއިދުން ލިބެ އެވެ.

އަދި އެ ފައިސާތައް ހިފަހައްޓާތާ 24 ގަޑިއިރު ތެރޭގައި އެ ފައިސާތަކަކީ ޓެރަރިޒަމާއި މަނީލޯންޑްރިންއާ ގުޅުން ހުރި އެއްޗެއް ނޫންކަން ޔަގީން ނުވެއްޖެ ނަމަ، ނޫނީ ކަސްޓަމްސްއަށް ދިން މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ނަމަ، ނޫނީ އެ މައުލޫމާތެއް ރަނގަޅު ނުކުރާ ނަމަ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ކަސްޓަމްސުން ފޮނުވަން ޖެހެ އެވެ.