އަހުމަދު ޝިޔާމް

"މަސްވެރިންގެ ނިކަމެތި ހާލުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން"

ދިވެހި މަސްވެރި އާއިލާތައް ތަހަންމަލު ކުރަމުންދާ ނިކަމެތި ހާލަތުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ މަސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަސްވެރިން ވަނީ އިއްޔެ މުޒާހަރާވެސް ކޮށްފައެވެ. މަސްވެރިން މުޒާހަރާ ކުރީ ފެލިވަރަށް މަސް ކިރުވަން ކިޔޫގައި ތިބޭތާ ހަތަރު ދުވަސްވީއިރުވެސް އެކަން ނުވާ ކަމަށް ބުނެއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި މަސްވެރި އާއިލާތައް ތަހަންމަލު ކުރަމުންދާ ނިކަމެތި ހާލަތުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަމަށެވެ. 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ރާއްޖެއަށް އާމްދަނީ ވަންނަ މަގުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަަޅުތައް އަޅައިދިނުމަށް އެދި ރާއްޖެއިން ބޭރުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ދިވެހި މަސްވެރި އާއިލާތައް ތަހަންމަލް ކުރަމުން މިދާ ނިކަމެތި ހާލަތުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން،" މަސްވެރި ކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ނައިފަރު ތަމްސީލް ކުރައްވާ މެންބަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މަސްވެރިންނަށް ގިނަ ވައުދުތަކެއްވެއެވެ. ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯގައި މަސްވެރިންނަށް އަމާޒުކޮށް ގިނަ ވައުދުތަކެއްވެއެވެ. ކުރީ ސަރުކާރުންވެސް ވަނީ މަސްވެރިންނަށް ގިނަ ވައުދުތަކެއްވެފައެވެ. މަސްވެރިންނަށްވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ މަސްވެރިން އަބަދުވެސް ޝަކުވާ ކުރެއެވެ.