މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ސަތާރަ ކުއްޖަކު އޭދަފުށީ މަރުކަޒަށް ބަދަލުކޮށްފި

ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތީގައި ތިބި ކުދިންގެ ތެރެއިން 17 ކުއްޖަކު އޭދަފުށީ "އަމާން ވެށި" މަރުކަޒަށް ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުދިން އޭދަފުށީ މަރުކަޒަށް ބަދަލުކޮށްފައިވަނީ އިޖްތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށެވެ. މި ކުދިން ގޮވައިގެން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ އޭދަފުއްޓަށް ވަޑައިގެންފައެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތަކަކީ ކޮންމެ ކުއްޖަކުވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅާލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށައް ބައެއް ކުދިން ގެންނަން ޖެހޭއިރު އެ ކުދިންނަށްވެސް ރަނގަޅު މާހައުލެއްގައި ބޮޑުވުމުގެ ފުުރުސަތު ތަނަވަސްކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން އުޅެމުން ދެއެވެ. އެ ދެ މަރުކަޒުގައިވެސް ކުދިން ގެންގުޅެނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ "އަމާން ވެށި" މަރުކަޒުތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިން ކަމަށާ އެހެން ކަމުން އެ ކުދިންނަށް އިޖްތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށް ދެވޭނެ ކަަމަށެވެ.