ވިޔަފާރި

މި ސަރުކާރުގައި ފުރަތަމަ ފަހަަރަށް ރިސޯޓް ހަދަން ހަތަރު ރަށެއް ނެރެނީ

Dec 25, 2020
1

މި ސަރުކާރުން ރިސޯޓު ތަރައްގީ ކުރަން ފުރަތަމަ ފަހަރަށް ހަތަރު ރަށެއް އާދިއްތަ ދުވަހު ނެރޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ހަތަރު ރަށެއް ރިސޯޓު ތަރައްގީ ކުރަން މިމަހުގެ 27 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.

އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ރަށްތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ރިސޯޓް ހަދަން ނެރޭ ރިސޯޓުތަކުން 18،000 ވަޒީފާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

މި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން މިހާތަނަށް އިއުލާނުކޮށްފައިވަނީ އުލިގަމް ޔޮޓް މެރީނާ އާއި ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއްގެ އިތުރުން ކެލާގައި ސިޓީ ހޮޓަލެއް އެޅުމުގެ މަޝްރޫއެކެވެ. އުލިގަމް މަޝްރޫއަށް އެއްވެސް ފަރާތެއް ކުރިމަތިލާފައެއް ނުވެ އެވެ. ނަމަވެސް ކެލާގައި ސިޓީ ހޮޓަލެއް އަޅަން ހަތަރު ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.