ދުނިޔެ

އައިއެސްއާ ދެކޮޅަށް އިދިކޮޅު ހަނގުރާމަވެރިންނާ އަސަދު އެއްބައިވެދާނެ: ޕުޓިން

މޮސްކޯ (ބީބީސީ) - އައިއެސް އާއި ދެކޮޅަށް ސީރިޔާގެ ސަރުކާރާއި އަދި ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބައި ވެދާނެ ކަމަށް ރަޝިޔާގެ ރައީސް ލާޑީމިއަ ޕުޓީން ވިދާޅުވެއްޖެއެވެ.

ޕުޓިން ވިދާޅުވީ އަސަދު ރަޝިޔާއަށް ވަޑައިގެންނެވި ކުއްލި ދަތުރުފުޅުގައި މި ހިޔާލު ދެއްވުމުން އެކަމަށް އަސަދު ދެއްވީ "ޕޮޒިޓިވް" ޖަވާބެއް ކަމަށެވެ. އެހެން ކަމުން މިއީ ކުރެވިދާނެ ކަމެއްތޯ އިތުރަށް ބަލައި އައިއެސް އާ ދެކޮޅަށް ސަރުކާރާއެކު ތެދުވަން ތައްޔާރަށް ތިބި އިދިކޮޅު ހަނގުރާމަވެރި ގުރޫޕުތައް ދެނެގަނެ މިކަން ކުރެވޭތޯ ބައްލަވާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ސީރިޔާއާއި އިރާގުގެ ސަރުކާރާއި ގުޅިގެން އައިއެސް އާއި ދެކޮޅަށް ތެދުވުމަށް ހަނގުރާމަވެރި ކުރުދީ ގުރޫޕްތަކަށް ވެސް ޕުޓިން މިއަދު ގޮވާލެއްވިއެވެ.

އައިއެސް ގެ މަގާމުތަކުގެ މައުލޫމާތު ހުޅަނގާ ހިއްސާ ކުރަން ވެސް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށާއި، މިއީ ރަޝިޔާ އާއި ހުޅަނގު އެއްބައިވާން ރަނގަޅު ވަގުތެއް ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން އިތުރަށް ވިދާޅުވީ ރަޝިޔާއިން އައިއެސް އާއި ދެކޮޅަށް ދޭ ވައިގެ ހަމަލާތައް އިރާގުގެ ސަރަހައްދަށް ފުޅާ ކުރަން އަދި ނުވިސްނަނީ އިރާގު ސަރުކާރުން ރަޝިޔާގެ އެހީއަށް އެދިފައި ނުވާތީ ކަމަށެވެ. ޕުޓިންގެ މި ވާހަކަފުޅުން، ރަޝިޔާއިން ސީރިޔާ ސަރުކާރަށް އެހީވާ ގޮތަށް އިރާގު ސަރުކާރަށް ވެސް އެހީ ވާން ތައްޔާރަށް އޮތްކަން ދޭހަވެއެވެ.

ރަޝިޔާއިން މެދު އޮރުމަތީގަކއި އެގައުމުގެ ދައުރު ފުޅާ ކުރާތީ އެމެރިކާ ކަންބޮޑު ވެއެވެ. އަދި އިރާގަކީ ސައްދާމް ހުސެންގެ ވެރިކަން ނިމުމަކަށް ގެނައީއްސުރެ އެމެރިކާގެ ތާއީދާއެކު ވެރިކަން ކުރާ ސަރުކާރެއް އޮންނަ ގައުމެކެވެ. އަދި އަސަދާއި މެދު ދެގައުމު ދެކޭގޮތް ތަފާތު ކަމުން ސީރިޔާގައި އެމެރިކާއާއި ރަޝިޔާގެ އަމާޒު ތަފާތެވެ. އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މި ދެ ބާރުން މެދުއިރުމަތީގައި ނަގާނެ މޫވް އެއް އަދި އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.