ހަބަރު

ކަައިވެންޏަކަށް ދިޔަ 35 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިމަހުގެ 20 ވަނަ ދުވަހު ހަވީރު ޝީ ބިލްޑިންގްގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އެ މީހުންނަށް ބަލި ޖެހުނީ ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު މި ހަފްލާގައި ބައިވެރިވުމުންނެވެ.

މިހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެޗްޕީއޭ އިން ނުގުޅާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. އަދި އެ އެޖެންސީ އިން ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް ވަނީ އަންގާފައެވެ.

ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ބަލީގެ އަލާމާތްތައް ހުރި މީހުން ހަފްލާތަކަށް ނުދިއުމާއި، މާސްކު އެޅުމާއި ހަފްލާ ތަކުގައި ގައިދުރުކަން ބެލެހެއްޓުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖޭގައި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިއީ ރާއްޖޭގައި މިފަދަ ހަފްލާއަކުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ.