ދުނިޔެ

ގައުމުތައް އެއްބަސްވާ މިންވަރުން ދުނިޔެ ހޫނުވުމަށް ހައްލެއް ނެއް!

Oct 23, 2015

ދުނިޔެ ހޫނުވުން ހުއްޓުވުމާ ބެހޭގޮތުން މިހާތަނަށް ކުރެވޭ އެންމެ އުއްމީދީ މަސައްކަތް ކަމުގައި ބެލެވޭ މުހިންމު ކޮންފަރެންސް ޕެރިހުގައި ފެށުމުގެ ކުރިން، ބާއްވާ އެންމެ ފަހުބުރުގެ މަޝްވަރާތައް ހޯމަދުވަހުން ފެށިގެން ކުރިއަށް އެބަ ގެންދެއެވެ.

ގްރީން ހައުސް ގޭސް އަކީ ޖައްވު ހޫނުކުރާ މާއްދާ ކަމަށް ސައިންސްވެރިން ބުނެ އިންޒާރު ދެމުން ދާއިރު، އެއް ހަފްތާގެ މުއްދަތަށް ޖަރުމަންވިލާތުގެ ބޮންގައި ބޭއްވޭ ވާހަކަ ތަކުގައި، ގްރީން ހައުސްގޭސް ޖައްވަށް ބޭރުކުރުން މަދު ކުރެވޭނެ ތަފާތު ގޮތްތައް ހިމެނޭ 20 ޞަފުޙާގެ ދެލިކޮޕީގެ ފޮޅުވަތަކުން ފޮޅުވަތަކުން ބަލައި ވިސްނައި، ބައިވެރިން ވާހަކަ ދައްކާނެއެވެ.

ޖައްވަށް ގްރީން ހައުސް ގޭސް ދޫކުރާ މިންވަރު، މަދުކުރުމުގެ އެއްބަސްވުމަށް ޢަމަލު ކުރަން ފަށާ އަހަރު ކަމަށްވާ 2020 ގެ ފަހުން، ޖައްވަށް ގްރީން ހައުސް ގޭސް ދޫކުރާ މިންވަރު، މަދުކުރުމަށް 150 ޤައުމަކުން، އަމިއްލައަށް ވަނީ އެއްބަސްވެފައެވެ. އޭގެތެރޭގައި ގްރީންހައުސް ގޭސް އެންމެ ގިނައިން ޖައްވަށް ދޫކުރާ ޤައުމުތައް ކަމަށްވާ ޗައިނާ، އެމެރިކާ، އަދި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތައް ވެސް ހިމެނެއެވެ.

ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔެ ހޫނުވަމުންދާ މިންވަރު މިހާރުވެސް ނުރައްކާތެރި ދަރަޖައެއްގައި ހުރިއިރު، ޤައުމުތަކުން އެއްބަސްވެފައިވާ މިންވަރުން އެކަނި މައްސަލައަށް ޙައްލެއް ނުލިބޭނެއެވެ. އެހެންކަމުން ޕެރިހުގެ ކޮންފަރެންސްގައި މަސައްކަތް ކުރެވޭނެކަމަށް ބެލެވެނީ ގްރީންހައުސް ގޭސް މަދުކުރަން ޤައުމުތަކުން އެއްބަސްވެފައިވާ މިންވަރު އިތުރަށް ދަށްކުރަން އެއްބަސްވޭތޯ ބެލުމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ފޮޓޯގަނޑެއް ހަދާކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ފިލްމެއް ހަދަން." ނެދަލޭންޑްސްގެ މޫސުމާބެހޭ މަންދޫބު މިޝޭލް ރެންޓެނާރު ވިދާޅުވިއެވެ.

ކޯޕަންހޭގަންގައި 2009 ވަނަ އަހަރު ބޭއްވި ކްލައިމެޓް ސަމިޓް އެދެވޭ ނަތީޖާއެއް ޙާޞިލުނުވެ ނިމިގެން ދިޔަ ޙާދިސާއަށްފަހު، މޫސުމާ ބެހޭ ވާހަކަތަކުގައި އދ. އިން ވަނީ މުހިންމު ކުރިއެރުންތަކެއް ޙާޞިލު ކޮށްފައެވެ. ގަނޑު އައިސްވިރި، ކަނޑުގެ ލޮނުގަނޑު އުފުލި، ކަނޑާއި ޖައްވަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާއިރު، އެކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ހުރިހާ ޤައުމުތަކަކުން ވެސް ފުރަތަމަ ފަހަރަށް މިހާރު ވަނީ އެއްބަސްވެފައެވެ.

ތަފާތު ޤައުމުތަކުން ޒިންމާ ނަގަންވީ ގޮތާމެދު އެއްބަސް ނުވެވޭ ނުކުތާތަކެއް ހުރިނަމަވެސް ފަޤީރު އަދި މުއްސަނދި ޤައުމުތަކުންވެސް، ލަނޑުދަނޑި ޙާޞިލުކުރުމާ ދިމާއަށް ފަހަކަށް އައިސް ވަނީ ދަތުރު ކޮށްފައެވެ.

"އަޅުގަނޑުމެންނަށް ކޯޕަންހޭގަންގައި ފެނިގެން ދިޔަ މާޙައުލާ ވަރަށް ދުރަށް މިހާރު ވަނީ ދަތުރު ކުރެވިފައި." ގެމްބިޔާގެ ތިމާވެއްޓާބެހޭ ވަޒީރު ޕަ އޮސްމަން ޖަރުޖޫ ވިދާޅުވިއެވެ.

އދ. ގެ ވާހަކަތަކުގައި ކަންކަން ނިންމަނީ ޤައުމުތަކުން އެއްބަސްވާ އެއްބަސްވުމުގެ މައްޗަށް ކަމަށްވާއިރު، އަނެއްކާވެސް މަދު ޤައުމުތަތަކުން ނަމަވެސް ކުރިއެރުމަށް ހުރަސް އަޅާފާނެ ކަމުގެ ބިރު މިފަހަރުވެސް އެބައޮތެވެ.

ބޮންގައި ބާއްވާ ވާހަކަތަކުގައި މަދު ޤައުމުތަކަކުން ނަމަވެސް ދެލިކޮޕީގެ އެއްބަސްވުން ބަލައިނުގެންފިނަމަ އެކަންވެގެން ދާނީ ކުރިއަށް ދިއުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށެވެ. އެހެނީ ޕެރިސް ބައްދަލުވުމުގެ ކުރިން އައު ދެލިކޮޕީއެއް އެކުލަވާލާކަށް ވަގުތެއް ނެތެވެ. މިހެން މިކަން ހިނގާފާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށް ބައެއް ބައިވެރިން ވިދާޅުވި ނަމަވެސް އެކަން ނުހިގާނެ ކަމުގެ ޔަޤީންކަމެއް އެބޭފުޅުންނަކަށް ވެސް ލިބިވަޑައިގެންފައެއް ނުވެއެވެ.

ތިންމަސް ދުވަހުގެ ދިގު މަޝްވަރާތަކަކަށްފަހު ޕެރިހުގެ މުހިއްމު އަދި އުއްމީދުން ފުރިގެންވާ ޖަލްސާއަށް ދާއިރު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކަށްވާނީ ފައިސާގެ މައްސަލައެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެހީވުމަށް ސަތޭކަ ބިލިއަން ޑޮލަރު ދިނުމަށް މުއްސަނދި ޤައުމުތުކުން ވަނީ ވަޢުދުވެފައެވެ. ނަމަވެސް މުއްސަނދި ޤައުމުތަކުން ވަޢުދުވީ ގޮތަށް، ފަޤީރު، އަދި ތިމާވެށީގެ ރޮގުން ބޮޑެތި ގެއްލުން ލިބިފައިވާ ޤައުމުތަކަށް ފައިސާގެ އެހީއެއް ނުލިބެއެވެ.

ވޮޝިންގޓަން އަށް ނިސްބަތްވާ ވޯލްޑް ރިސޯސަސް އިންސްޓިޓިއުޓުން ބުނި ގޮތުގައި ޖަރުމަންވިލާތުގެ ބޮންގެ ވާހަކަތަކުގައި ބައިވެރިން ތިބެންޖެހޭނީ "ދެއަތް ހަޑިކޮށްލައިގެން ނަމަވެސް" ހައްލެއް ހޯދަން ތައްޔާރަށް ކަމަށެވެ.

ވޯލްޑް ރިސޯސަސް އިންސްޓިޓިއުޓުން ބުނި ގޮތުގައި ބޮންގެ ވާހަކަތަކުގައި ކަންތައް ނިމިގެންދާ ގޮތަކުން، 30 ނޮވެމްބަރުން 11 ޑިސެމްބަރަށް ފަރަންސޭސިވިލާތުގެ ޕެރިހުގައި ބާއްވާ ކޮންފަރެންސްގައި، ދުނިޔެއަށް މިވަގުތު ބޭނުންވެފައިވާ ތިމާވެއްޓާބެހޭ ޢަމަލީ މަޝްރޫޢު އެކުލަވާލުމަށް މަގުފަހިވެގެން ދާނެއެވެ.