ވިޔަފާރި

ބީސީސީ އިން ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރަން ފަށައިފި

Dec 28, 2020

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ބޭނުންވާ ހިދުމަތް ފޯރުކޮށް ދޭން ސަރުކާރުން އުފައްދާފައިވާ، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިސްވެ އުފައްދާފައިވާ ބީސީސީން ބުނީ "އައި ޗޫޒް ލޯކަލް" ގެ ނަމުގައި އަންނަ އަހަރުގެ މާޗް 25 ގެ ނިޔަލަށް ކުރިއަށް ގެންދާ ކެމްޕޭނަކީ ދިވެހި އުފެއްދުންތަކާއި ދިވެހި ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ފަށައިގަތުމެއް ކަމަށެވެ.

އެ ކެމްޕޭނުގެ ތެރެއިން އެކި ދާއިރާތަކުން އުފައްދާ ދިވެހި އުފެއްދުންތައް ދާއްކާލަން ހާއްސަ އިވެންޓްތަކެއް ބާއްވައި، ޕޮޑްކާސްޓާއި އިންޓަވިއުތަކުގެ ޒަރިއްޔާ އިން ދިވެހި އުފެއްދުންތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މި ކެމްޕޭންގެ ތެރޭ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކުގެ އިތުރުން ދިވެހި އިގްތިސޯދު ކުރިއެރުވުމަށާއި ދިވެހި އުފެއްދުމަށް މުޖުތަމައުގެ އެއްބާރުލުން ދިނުމުގެ މުހިއްމު ކަމަށް އާންމުން ހޭލުންތެރި ކުރުވާނެ އެވެ.

ބީސީސީ އިން ބުނި ގޮތުގައި އިވެންޓް ތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެ، ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ހުށަހަޅާ ހާއްސަ އިނާމު ތަކެއް ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ އެވެ. މީގެ އިތުރުން، އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

ބީސީސީއަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި މައިގަނޑު މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތަކާއި ހިދުމަތްތައް ފޯރުކޮށްދީ ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

ފަރުތުރުވެރިންނަށް ދިވެހި އުފެއްދުންތައް ތައާރަފުކޮށް ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބީސީސީ އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޑިއުޓީ ފްރީ ސަރަހައްދުގައިގައި "އޮތެންޓިކް މޯލްޑިވްސް" ގެ ނަމުގައި ފިހާރައެއް ހުޅުވާފައި ވެއެވެ. އަދި ހުޅުމާލޭ ސެންޓްރޯ މޯލްގައި ވެސް ފިހާރައެއް ހުޅުވާފައިވެ އެވެ.