އާދަމް ޝަރީފު އުމަރު

"އިންތިހާބާމެެދު ސަރުކާރު ބަހެއް ނުބުނުން ސީރިއަސް"

ކައުންސިލް އިންތިހާބުގެ މައްސަލާގައި ސަރުކާރުން ބަހެއް ނުބުނެ ތިބުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އަންނަ މާޗް މަހު އިންތިހާބު ނުބާއްވައިފިނަމަަ، ކެނޑިޑޭޓުންގެ ހައްގުތައް ގެއްލޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޓްވީޓާ މެދުވެރިކޮށް އާދަމް ޝަރީފް މިއަދު ވިދާޅުވީ، ސިއްހީ ނުރައްކަލުގެ ހާލަތު ވެސް އަދި މަޖިލީހުގެ މެޖޯރިޓީ އޮތުމާއެކު ގާނޫނު އިސްލާހު ކުރުމަކީ ވެސް ރައިސް އިބުރާހިމް މުހައްމަދު ސޯލިހަށް ކުރެވޭނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިކް އިންތިހާބާ ބެހޭގޮތުން ސަރުކާރުން ބަހެއް ނުބުނެ ތިބުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

އިންތިހާބުގެ މައްސަލާގައި ޓްވީޓާ މެދުވެރިކޮށް ގިނައިން ފާޑުވިދާޅުވާ ޝަރީފު އިތުރު ޓްވީޓެއް ކުރައްވައި ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވަން ގާނޫނަށް އިސްލާހު ގެނައުމަށް ޓަކައި ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަކީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރެވޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އަމާޒުކޮށް، ސުޕާ މެޖޯރިިޓީ މި ސަރުކާރަށް އޮންނައިރު ސަރުކާރުން އެދެފިނަމަ، ރައްޔިތުން މަޖިލީހުގައި ކައުންސިލް އިންތިހާބަށް އެޅިފައި އޮތް މަރުތަޅު ނައްޓުވާ ނުލެއްވޭނެތޯ ސުވާލެއް ކުރިމަތި ކުރައްވާފަ އެވެ.