ހަބަރު

ހުޅުމާލޭ ދަނޑު ބިންތަކުގެ ގުރު ނަގައިފި

Dec 29, 2020
2

ހުޅުމާލޭގައި ކުރިޔަށް ގެންދާ "ކޮމިއުނިޓީ އާބަން ފާމިން" ޕްރޮޖެކްޓުގެ ދަށުން އިއުލާނު ކުރި ދަނޑު ބިން ތަކަށް ކުރިމަތިލި ފަރާތްތަކުގެ ގުރު ނަގައިފި އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި އެ ރަށުގެ ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއުގެ ދަށުން ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުސަތަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި މިހާރު ވަނީ ގުރުއަތުލާފަ އެވެ. "ކޮމިއުނިޓީ އާބަން ފާމިން" ގެ މި ޕްރޮޖެކްޓަކީ ޔޫއެންޑީޕީ އާއި އެގްރިކަލްޗަރު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ހުޅުމާލެ ނެއިބާހުޑް ތިނެއްގެ 19.877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ދޫކުރާ މި ބިން ތަކަށް 393 ފަރާތަކުން ކުރިމަތިލި އެވެ. ޕްރޮޖެކްޓުގައި 600 އަކަފޫޓުގެ 16 ޕްލޮޓް އިއުލާނު ކުރި އެވެ. ބައިވެރިވާން ހުޅުވާލީ ތިން މީހުންގެ ގްރޫޕް ތަކަށެވެ. އަދި 16 ޕްލޮޓު ތިން ގްރޫޕަކަށް ބަހާއިރު، ޕްލޮޓްތަކުގެ 40 ޕަސެންޓު ހާއްސަ ވަނީ އަންހެނުންނަށެވެ. ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުނަށް 30 ޕަސެންޓާއި އާއްމުންނަށް 30 ޕަސެންޓެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަންހެނުންގެ ކެޓަގަރީ އަށް 168 މީހަކު ކުރިމަތިލި އެވެ. އަދި ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އަށް 78 ފަރާތަކުން ފޯމު ހުށަހެޅިއިރު، އެހެނިހެން ކެޓަގަރީތަކަށް 147 ފޯމު ލިޔެއެވެ.

އެޗްޑީސީގެ މި ޕްރޮޖެކްޓު ކުރި އަށްގެން ދާނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އެއްވެސް ފީ އެއް ނުނަގާނެ އެވެ. ނަމަވެސް ތިން މަސް ފަހުން ތިން މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ ޕްލޮޓަކުން 1،275 ރުފިޔާގެ ފީއެއް މަހަކު ދައްކަން ޖެހޭނެ އެވެ. އަދި ހަތް ވަނަ މަހުން ފެށިގެން އެ އަދަދު 2،500 ރުފިޔާ އަށް ބޮޑުވާނެ އެވެ.

މި ޕްލޮޓުތައް ދޫކުރަނީ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނާއެކު އެވެ.