ވިޔަފާރި

އެމްޑަބްލިއުއެސްސީން ދެ ބިލިއަން ރުފިޔާގެ މަޝްރޫއު

Dec 30, 2020

އެމްޑަބްލިއުއެސްސީ އަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފި އެވެ.

ފެނުގެ ހިދުމަތް ދިނުމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުމާއި ހޮޅި އުފައްދަން ކާރުހާނާއެއް ހިންގާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވި ގޮތުގައި ކޮވިޑު-19 އިގެ މި ހާލަތުގައި ވެސް ކުންފުނީގެ މުވައްޒަފުންގެ ހިތްވަރުން ކުންފުނީގެ ކުރިއެރުން ވަރުގަދަ ވެފައި ވެއެވެ.

އަދި މި ހާލަތުގައި 20 ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު އަޅަން ދެ ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ހަވާލު ކުރުމަކީ ކާމިޔާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތްތައް ސަރުކާރުން ހަވާލުކުރީ ވަރަށް ހިކުމަތްތެރި މަގުސަދެއްގައި. ފެނިގެން މިދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުގެ ތެރެއިން ފެނާއި ނަރުދަމާގެ ހިދުމަތް އެ މަނިކުފާނުގެ ދައުރުގެ ތެރޭގައި ފައްޓަވާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތް ތަން،" ޝާހު ވިދާޅުވި އެވެ.

"މި ވައުދުތައް ފުއްދުމަށްޓަކައި ޕެންޑެމިކް އެެއީ ބަހަނާއެއް ކަމަށް ނުބައްލަވާ. ނޫނީ ބަޖެޓު ނެތުން ނޫނީ ދަރަނި ބޮޑުވުމަކަށް ނުބައްލަވާ. މި ފެންނަނީ ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ދިނުމުގައި ކުރި އަށް ދާތަން."

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ ފެނުގެ ހިދުމަތް ދޭ ކުންފުންޏަކަށް ވުމުން އާމްދަނީ ހޯދަމުން ދަނީ އެހެން ޕްރޮޖެކްޓް ތަކުންނެވެ.

"ބިޒްނަސް ޕްލޭންގައި ވެސް މިހާރު ލިޔެފައިވާނެ 70 ޕަސެންޓް އާމްދަނީ ހޯދާނީ އެހެން ޕްރޮޖެކްޓްސް ތަކުން ކަމަށް. މިހާރު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނަމަވެސް ޑައިރެކްޓް ނެގޯޝިއޭޓް ކޮށްގެން ސަރުކާރުން މަޝްރޫއު މި ވަނީ ހަވާލުކޮށްފައި. މިއީ ލިބުނު ކާމިޔާބީއެއް،" ޝާހު ވިދާޅުވި އެވެ.