ފުޓްބޯޅަ މެޗެއްގައި ލަނޑު ޖެހުމަށް ފަހު ތަފާތު ހަރަކާތްތަކުން ކުޅުންތެރިން އުފާފާޅުކުރެ އެވެ. ބައެއް ކުޅުންތެރިން ޖޯޒީ ބަލާއިރު، އަނެއް ބައި ކުޅުންތެރިން ބުރު އަަޅައި ތަފާތު ގޮތްގޮތަށް ނަށާ މަންޒަރު ވެސް ފެނެ އެވެ. މިގޮތުން އޭއެސް ރޯމާގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ވަނީ އިޓާލީއަން ލީގުގައި ރޭ ލަނޑު ޖެހުމަށް ފަހު ތަފާތު ގޮތަކަށް އުފާފާޅުކޮށްފަ އެވެ. އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އާއި އޭއެސް ރޯމާ 2-2 އިން އެއްވަރުވި މެޗުގައި ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ރޯމާގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ނެގީ ސެލްފީއެކެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމާ ވާދަވެރި ލާޒިއޯ އިން ދެ ލަނޑު ލީޑެއް ނަގައިފައިވަނިކޮށް، ރޯމާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ޓޮޓީ ޖެހި ދެ ލަނޑުންނެވެ.
ރޯމާގެ ދެވަނަ ލަނޑު ޓޮޓީ ޖެހުމާއެކު، ރޯމާގެ ބެންޗުގައި އިން އޮފިޝަލެއް ވަނީ ޓޮޓީ އަށް މޯބައިލް ފޯނެއް ދީފަ އެވެ. ޓޮޓީ އެ ފޯނު ބޭނުންކޮށް، އޭނާގެ ފަހަތުގައި ތިބި ރޯމާގެ ސަޕޯޓަރުން އަރާ ގޮތަށް ސެލްފީއެއް ނަގައިފަ އެވެ.
"އަހަރެން ކުރިން ވެސް މިކަންކުރަން ހިތަށްއެރި،" ލާޒިއޯ ކޮޅަށް ޖުމްލަ 11 ލަނޑު ޖަހާފައިވާ ޓޮޓީ ބުންޏެވެ. "ސެލްފީ ނެގުމަކީ މިހާރު ފެޝަނަކަށްވިޔަސް، އަހަރެން ވަރަށް ނުކުރާ ކަމެއް މިއީ. އެކަމަކު މިއީ ހާއްސަ ކަމަކަށްވާތީ އަހަރެން މި ފަހަރު މިކަންކޮށްލީ."
އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން ރަށުން ބޭރުގައި 3-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ޔުވެންޓަސް ވަނީ ތިން ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ނަޕޯލީގެ ދަނޑުގައި 15 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔުވެންޓަސް މޮޅުވީ ޕޯލް ޕޮގްބާ އާއި އަޓޫރޯ ވިޑާލް އަދި މާޓިން ސަސޭރެޒް ޖެހި ލަނޑުތަކުންނެވެ.