މީރާ

މީރާއިން އާ އިސްޓިކާއެއް، މިފަހަރު އޮންލައިންކޮށް

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކިކަން އަންގައިދޭން އާ އިސްޓިކާއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތައާރަފު ކޮށްފި އެވެ.

މީރާއިން އާ އިސްޓިކާއެއް ތައާރަފު ކޮށްފައި ވަނީ އޮންލައިން ކޮށް ފީ ދެއްކުމުން އޮންލައިން ކޮށް އެ އިސްޓިކާ ވެސް ލިބޭ ގޮތަށެވެ.

އެ އޮތޯރިޓން ބުނީ އަންނަ ޖަނަވަރީން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް ސްޓިކާ ދޫކުރާނީ އީމޭލް މެދުވެރިކޮށް ކަމަށާއި އެ ފަރާތުން އަމިއްލައަށް އިސްޓިކާ ޕްރިންޓް ކުރުން ވެސް ބަލައިގަންނާނެ ކަމަށެވެ.

އޮންލައިންގެ ބަދަލުގައި ކައުންޓަރުތަކަށް ފީ ދައްކާ ފަރާތްތަކަށް ވެސް އާ އަހަރު، 2021 ގެ ފުރަތަމަ ދުވަހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު އާ އިސްޓިކާ ދޫކުރާނެ އެވެ.

މީރާއިން ބުނީ އާ އިސްޓިކާ ގައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ކަމަށާއި އޭގެ ސަބަބުން ވެހިކަލް ފީ ދައްކައިފައިވާކަން އިދާރާތަކުން ބަލަން ފަސޭހަވާނެ ކަމަށެވެ.