ހަބަރު

ރޫޓުގެ ފައިސާތައް ފޭރެން އުޅުނު މީހުންނަށް ދައުވާކޮށްފި

ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިއަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ރޫޓު ކުންފުނީގެ 4.5 މިލިއަނެއްހާ ރުފިޔާ ޖަމާ ކުރަން ބޭންކް އޮފް ސިލޯނަށް ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން އުޅެނިކޮށް، އެކަން ނާކާމިޔާބުކޮށްލާފައިވަނީ އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީންނެވެ.

ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ މައްސަލާގައި، ޖަމާއަތްހަދައިގެން ފައިސާ ގެންދިޔަ ފަރާތްތަކަށް ބިރުދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތުން، ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދު އާއި ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރާއި ދަފްތަރު ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދު އަދި ވ. ޕިންކްވިލާ، އަހްމަދު އަމީރުގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާކަމަށް ޝަފީއު ވިދާޅުވި އެވެ.

ދެން ތިބި ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންގެ ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކަމަށް އިތުރަށް ވިދާޅުވި އެވެ.

އެ ފޭރުން ނާކާމިޔާބު ކޮށްލުމުގައި އިސްކޮށް އުޅުނު މީހުނަށް ރޫޓު ކުންފުނިން ވަނީ ފައިސާގެ އިނާމުވެސް ދީފައި އެވެ.