ވިޔަފާރި

ޑޮލަރުގެ އަގު ކުއްލިއަކަށް ވެއްޓިއްޖެ

Jan 3, 2021
23

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ކަޅު ބާޒާރުގައި ކުރިން ހުރި ބޮޑު އަގު ކުއްލިއަކަށް ތިރިއަށް ސޮއްސާލައި ވެއްޓިއްޖެ އެވެ.

އަވަސް އަށް މިއަދު ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 19.25ރ. އާއި 19.35ރ. އާ ދެމެދުގައި މާރު ކުރަމުން ދިޔަ ޑޮލަރުގެ އަގު 18.40ރ. އާއި 18.60ރ. އާ ދެމެދުގެ އަދަކަށް ވެއްޓިފައިވާ ކަމަށެވެ.

"އަގު ވެއްޓުނު ސަބަބެއް ނޭނގޭ! ހަމަ ގައިމުވެސް މިހާރު އަގު ވެއްޓިއްޖެ،" އެއް ވިޔަފާރިވެރިޔަކު ބުންޏެވެ.

މިއަދު ބާޒާރު ބެލިއިރު މާލޭގެ އެކި ހިސާބުތަކުގައި ހުރި އެކްސްޗޭންޖު ކުރާ ތަންތަނުން ޑޮލަރު ލިބެނީ 18.40ރ. އަށެވެ. ޑޮލަރުގެ ބްލެކް މާކެޓަށް ގުޑުމެއް އަރާފައި ވާއިރު ރާއްޖޭގެ ޓޫރިޒަމް ވެސް މި ދުވަސްވަރު ވަނީ ރަނގަޅުވެފަ އެވެ.

ޑޮލަރުގެ އަގު ތިރިއަށް ސޮއްސާލާފައިވާއިރު، ޑޮލަރުގެ ކަޅު ބާޒާރުގެ ނެޓްވޯކް ހިންގާ ގޮތާއި އެކަމުގައި ބިދޭސީން ހަރަކާތްތެރިވާ ގޮތުގެ މައްޗަށް އަވަސް އިންވެސްޓިގޭޓެސް: ޑޮލަރުގެ އަނދިރި ބާޒާރަށް ގެ ނަމުގައި އަވަސް އިން މިދިއަ މަހުގެ 31 ވަނަ ދުވަހު އިންވެސްޓިގޭޓިވް ރިޕޯޓެއް ގެނެސްދިނެވެ.

އަވަސްގެ އެ ރިޕޯޓުގައި ޑޮލަރު މާރުކުރުމުގެ އަނދިރި ބާޒާރު ކުރިއަށް ގެންދާ ގޮތް ކިޔައިދީފައިވެ އެވެ.