ހަބަރު

މިދިޔަ އަހަރު 840 އަށް ވުރެ ގިނަ ގާނޫނީ ލަފާ

Jan 4, 2021
7

ނިމިގެންދިޔަ 2020 ވަނަ އަހަރު، އެކި ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކަށް 840 އަށް ވުރެ ގާނޫނީ ލަފާ ދީފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން ވަނީ މިދިޔަ އަހަރު ދިން ގާނޫނީ ލަފާގެ ތަފާސް ހިސާބު އާންމު ކޮށްފަ އެވެ.

އެ ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި 842 ކަމެއްގައި އެ އޮފީހުގެ ގާނޫނީ ލަފަޔަށް އެދި ދައުލަތުގެ އެކި މުއައްސަސާތަކުން ހުށަހަޅާފައިވެ އެވެ.

އޭގެ ތެރެއިން، އެންމެ ކަމެއް ފިޔަވައި، ބާކީ ހުރި ހުރިހާ ހުށަހެޅުންތަކަށް ބަންޑަރަ ނައިބުގެ އޮފީހުން ވަނީ ގާނޫނީ ލަފާ ފޯރުކޮށްދީފައި އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން، އެންމެ ގިނައިން އޭޖީ އޮފީހުން ލަފާދީފައިވަނީ، އެހެނިހެން ކަންކަމާގުޅޭ ގޮތުންނެވެ. މިގޮތުން، މިދިޔަ އަހަރު، ޖުމްލަ 391 ކަމަކަށް ބަންޑާރަ ނައިބު ވަނީ ލަފާ ދެއްވައިފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ދެން އެންމެ ގިނައިން ލަފާދީފައިވަނީ އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅޭ ގޮތުންނެވެ. އެކަމަށް 267 ލަފާ ދީފައިވާއިރު، ގަވައިދުތަކާ ގުޅޭގޮތުން 102 ލަފާ ދީފައިވެ އެވެ.

މީގެ އިތުރުން، އުސޫލުތަކާ ގުޅޭގޮތުން 40 ލަފާއާއި، ބިލު ތަސްދީގުކުރުމަށް ދެވުނު 34 ލަފާގެ އިތުރުން، މުއާހަދާތަކާ ގުޅޭގޮތުން ހަތް ލަފައެއްވެސް އޭޖީ އޮފީހުން މިދިޔަ އަހަރު ވަނީ ދީފައި އެވެ.