ތ.ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ނިންމުމުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ.
މި މަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ ވޭމަންޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. މި ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތ.ވޭމަންޑޫގެ ނަރުދަމާ މަޝްރޫއަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. ނަމަވެސް އެ މަސައްކަތް އެއްކޮށް ނިމިފައެއް ނުވެ އެވެ. އެހެންވެ، ނުނިމި ހުރި މަސައްކަތްތައް ނިންމަން ސަރުކާރުން އެމްޑަބްލިއުއެސްސީ އަށް ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމި ހުރި 319 މީޓަރުގެ ނެޓްވޯކް ގާއިމްކުރުމާއި 98 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތާއި އެއް ސީއައުޓް ފޯލް ގާއިމްކުރުމާއި ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯ މެކޭނިކަލް މަސައްކަތް ވެސް ކުރާނެ އެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް ދޭނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަރަނޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.
މި މަޝްރޫއު ނިންމަން އެމްޑަބްލިއުއެސްސީ އަށް ހަތަރު މަސް ދުވަސް ލިބޭނެ އެވެ.
އެމްޑަބްލިއުއެސްސީ އިން މިހާރު ވެސް ދެ ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދެ އެވެ. މީގެތެރޭގައި ނަރުދަމާގެ ގިނަ މަސައްކަތްތަކެއްވެސް ހިމެނެ އެވެ.