ރިޕޯޓް

އަދީބަށްކުރާ އެހެން ބޮޑެތި ތުހުމަތުތައް: ކިހާވަރެއްގެ ހަގީގަތެއް؟

ރާއްޖޭގެ ސިޔާސީ މައިދާނަށް ވަދެވަޑައިގެންނެވި ހިސާބުން ފެށިގެން ނައިބު ރައީސް އަހުމަދު އަދީބަކީ ތުހުމަތަކަށް ފަހު ތުހުމަތެއް ކުރެވެމުން މީހުންގެ އިނގިލިތައް ކޮންމެވެސް ކަމެއްގައި އަބަދުވެސް އެ ބޭފުޅަކަށް އަމާޒުވެފައި ހުންނެވި ލީޑަރެކެވެ. އަބަދުވެސް ފެނިވަޑައިގަތީ މިފަދަ ކޮންމެވެސް ތުހުމަތަކުން ރެކިވަޑައިގަތުމަށް ސިޔާސީ އަމިއްލަ ރާގުތަކެއް ކުޅުއްވަމުން ގެންދެވިތަނެވެ.

އަބަދުވެސް ވިދާޅުވަމުން ގެންދެވީ މިހެންނެވެ: "ކޮންމެ ކަމެއްގައި ވެސް އަޅުގަނޑަށް ތުހުމަތުކުރުމަކީ އާންމު ކަމެއް. އެކަން ދެން ވެސް ކުރިއަށްދާނެ." އަދި އެންމެފަހުން ވިދާޅުވީ އެ ބޭފުޅާ އަކީ "ސިޔާސީ މައިދާނުގައި ކަތިލަން ތައްޔާރުކޮށްފައި އިން ކުކުޅެއް" ކަމަށެވެ.

ފާހަގަކޮށްލަން ޖެހެނީ މި ރާގެއް ކުޅުއްވަމުން، މި ވާހަކަތަކެއް ދައްކަވަމުން ގެންދަވަނިކޮށް ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އެންމެފަހުން ކުރެވުނު ތުހުމަތަށް މިފަހަރު އެބޭފުޅާ ހައްޔަރުކޮށްފައިވާ ކަމެވެ. އޭނާގެ މައްޗަށް މިފަހަރު ކުރެވޭ ތުހުމަތަކީ މިހާތަނަށް މިގޮތަށް ކުރެވޭ އެންމެ ބޮޑު ތުހުމަތު ވެސްމެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށް ސަރުކާރު ވައްޓާލަން މަސައްކަތްކުރެއްވިކަމުގެ ތުހުމަތެވެ. މިހާރު އެ ހުންނެވީ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފަ އެވެ.

އަދީބުގެ މައްޗަށް ކުރެވޭ އެހެން ތުހުމަތުތަކަށް ބަލައިލުން ކިހިނެއް ހެއްޔެވެ؟ ރަސްމީ ފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ލަފާ ކުރެވެނީ އަދީބު ހައްޔަރުކޮށްފައި ވަނީ ތުހުމަތުކުރެވޭ މައްސަލަ ސާބިތުކޮށްދެވޭ ވަރަށް ހެއްކާއި ގަރީނާ ވެސް ހުރީހެނެވެ. ހަމައެއާއެކު ފާހަގަކޮށްލަން ޖެހެނީ އަދީބުގެ މައްޗަށް މީގެ ކުރިން ކުރެވިފައިވާ އެހެން ތުހުމަތުތަކުގެ މައްސަލަ މި ފެންވަރުގައި ބެލިފައި ނުވަތަ ބަލާފައި ނުވާ ކަމެވެ. ފަހަރެއްގައި އެ ތުހުމަތުތައް ހަމައެކަނި ތުހުމަތުތަކެއްގެ ގޮތުގައި ލިޔެވި ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައި ވަނީ އެ ސަބަބާ ހެދި އެވެ.

ވީމާ ކުރިން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ވެސް ފުރިހަމަ ތަހުގީގެއް ހިންގިއްޖެ ނަމަ އެ ހުރިހާ ތުހުމަތެއް ވެސް ސާބިތުކޮށްދެވިދާނެ ހެއްޔެވެ؟

100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތް!

އަދީބަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ފަށަން އެންމެ ރަނގަޅުވާނީ އިސްކޮށް ހުންނަވައިގެން ހިންގަވާ ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތާއި ފަސާދައިގެ ވާހަކަތަކުންނެވެ. މި ވާހަކަ އަށް ފަލަ ސުރުހީގެ ސަމާލުކަން އެންމެ ބޮޑަށް ލިބިގެން ދިޔައީ ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން އެމްއެމްޕީއާރްއެސް އަށް 77.1 މިލިއަން ރުފިޔާ ދޭން ނިންމި މައްސަލައެއް 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފަޅާއަރައިގެން ދިޔަ ހިސާބުންނެވެ.

އޭރު އޮޑިޓަ ޖެނެރަލަކަށް ހުންނެވި ނިޔާޒް އިބްރާހިމް ނެރުއްވި އެ ރިޕޯޓްގައި ތުހުމަތުގެ އިނގިލި ދިއްކުރައްވާފައި ވަނީ އަދީބަށެވެ. ނަމަވެސް އެ ތުހުމަތު ވެސް "ސިޔާސީ ތުހުމަތަށް ބަދަލުކޮށް" އަދީބު އެއިން ވެސް ރެކިވަޑައިގެންނެވީ އެވެ. އާޚިރުގައި މަގާމު ގެއްލި ވަޑައިގަތީ އެތައް ދުވަހެއްގެ "ތަހުގީގަކަށް ފަހު" ކޮރަޕްޝަންގެ ތުހުމަތު އަދީބަށް ކުރެއްވި އޮޑިޓަ ޖެނެރަލަށެވެ.

އޮޑިޓަ ޖެނެރަލްގެ އެ ތުހުމަތުގައި އިޝާރާތްކުރައްވާފައި ވަނީ އަދީބު އަޑީގައި ހުންނަވައިގެން ހިންގަވާފައިވާ ކަމަށް ބުނާ 100 މިލިއަނަށް ވުރެ ފިޔަ ރުފިޔާގެ ޚިޔާނާތަކަށެވެ.

"އޭގައި ލިޔެފައިވާ ކޮންމެ އެއްޗަކީ ދަލީލުކޮށްދޭނެ ލިޔެކިއުން ހުރެގެން ލިޔެފައިވާ އެއްޗެހި. އޮޑިޓަ ޖެނެރަލް އޮފީހުން ނެރޭ އޮޑިޓް ރިޕޯޓްތަކަކީ ތޯތޯ ވާހަކައަކަށް، މީހަކު ކިޔާހާ އެއްޗަކަށް، މީހަކު ކުރާ ޓްވީޓަކަށް ނެރޭ އެއްޗެއް ނޫން. މުއައްސަސާތަކުން ހޯދާ ހެކީގެ މައްޗަށާއި މީހުން ދޭ ބަޔާންތަކަށާއި އޮބްޒާވްކުރުންތަކުގެ މައްޗަށް ބަލާފައި ރިޕޯޓް ލިޔަނީ. އެ ނޫން ގޮތަކަށް ނެރެންޏާ އަޅުގަނޑުމެން އަމިއްލައަށް ތާށިވާތަން އަންނާނެ. އޭގައި ލިޔެފައިވާ އެއްޗަކީ ހެކި ހުރި އެއްޗެހި،" އަދީބަށް ތުހުމަތުގެ އިނގިލި ދިއްކޮށް ނެރުއްވި ރިޕޯޓާ ގުޅޭ ގޮތުން އެ ދުވަސްވަރު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނިޔާޒު ވިދާޅުވެފައިވެ އެވެ.

އަދީބަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތައް ސިފަކުރައްވަމުން އެ އިންޓަވިއުއެއްގައި އޭނާ ވިދާޅުވެ އެވެ؛

"އަދީބުގެ މައްސަލަތައް ބަލަން ފެށުމުން ހީވީ އާނުގަނޑެއްގައި ޖެހުނުހެން، ދެން ޖެހުނީ ގޮއްވާލަން."

ނަމަވެސް އަދީބު ވިދާޅުވެފައި ވަނީ އެއީ މުޅިން ވެސް ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން އެ ބޭފުޅާގެ މައްޗަށް ކުރެވުނު ތުހުމަތެއް ކަމަށެވެ. އެ މައްސަލަ އަދިވެސް އޮތް ގޮތަކީ މިއީ އެވެ.

"ދައުލަތުގެ އާމްދަނީ، ހާއްސަކޮށް ޓޫރިޒަމް އިންކަމް އެހެރަ ދަނީ މައްޗަށް. އަޅުގަނޑު އަމިއްލަ ޖީބަށް ލާ ނަމަ، ދައުލަތަކުން ނޫން ދެއްތޯ އެ ފައިސާ ފެންނާނީ؟،" ކޮރަޕްޝަންގެ ތުހުމަތަށް އަދީބު ދެއްވާ އާންމު ޖަވާބަކީ މިއީ އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލުން!

މިއީ ވެސް ސީދާ އަދީބަށް އަމާޒުކޮށް ކުރެވޭ ބޮޑު ތުހުމަތެކެވެ. މި މައްސަލާގައި އެންމެ ބޮޑަށް އަދީބަށް ތުހުމަތުގެ އިނގިލި ދިއްކޮށް ވާހަކަ ދައްކާ މަންޒަރު އަބަދުވެސް ފެންނަނީ އަދީބާ ސިޔާސީ ގޮތުން ދެކޮޅުވެރި ފިކުރުތަކަށް ތަބާވާ މީހުންނެވެ.

ނަމަވެސް މި މައްސަލައެއް ތަހުގީގުކުރި ފުލުހުންގެ ޓީމަކުން މި މައްސަލަައިގެ އެއްވެސް ތުހުމަތެއް ސިޔާސީ ފަރާތަކަށް ކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ފުލުހުން ކަށަވަރުކޮށްދިން ކަމެއް އެބައޮތެވެ. އެއީ އެ ހަމަލާއެއްދީ ޓީވީ ސްޓޭޝަންގައި ރޯކޮށްލި މީހުންނަކީ ސީދާ ރާއްޖެ ޓީވީއާ ދެކޮޅުވެރިކަމެއް ނެތް ބައެއް ކަމަށް ވެދާނެ ކަަމެވެ.

ފުލުހުން ބުނެފައި ވަނީ އެ ހަމަލާ އަކީ އަޑީގައި އެހެން ބަޔަކު ތިބެގެން ގްރޫޕެއް ލައްވައި ކުރުވާފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ރާއްޖެ ޓީވީގެ ވަރަށް ގިނަ ސަޕޯޓަރުންނާއި ސަރުކާރާ ދެކޮޅު ގިނަ ބަޔަކު ބުނާ ގޮތުން އެ ފަރާތަކީ ސީދާ އަދީބެވެ.

ރާއްޖެ ޓީވީގައި ހުޅުޖެހީ އޭރުގެ ސަރުކާރު އެކަމުގެ އަޑީގައި އޮވެގެން ކަމަށް އިދިކޮޅު އެމްޑީޕީ އިން ވެސް ބުނެފައިވެ އެވެ. އެ އިމާރާތުގައި ރޯކޮށްލީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު ހަތެއްގަ އެވެ. އެއީ ހައެއްކަ މީހުންގެ ގްރޫޕަކުން އެތަނަށް ވަދެ އެތަނުގައި ފޯރިއަށް ހުރި ގާޑު މީހާ ބަނުމަށް ފަހު ހިންގާފައިވާ ޖަރީމާއެކެވެ. އެ ޗެނަލަށް ހަމަލާދީ ރޯކޮށްލީ އެފަދަ އިންޒާރުތަކެއް ތަކުރާރުކޮށް ލިބެމުން ދިޔަ ދުވަސްވަރެއްގަ އެވެ.

އާތާ ބްރަދާސް އާއި ވަގު ވިޔަފާރި!

އާތާ ބްރަދާސްގެ ޗެޕްޓަރަކީ ވެސް އަދީބަށް ކުރެވޭ ތުހުމަތުގެ ސިލްސިލާ އިން ފާހަގަކޮށްލެވޭ ނަމެކެވެ. އާތާ ބްރަދާސްގެ ނަމުން މަޝްހޫރުވެފައިވާ ދެ ބެއިން ކަމުގައިވާ އަރުތޫރު ސަގަރްސިޔަން އާއި އަރުތޫރު އަރުތަގް ސަގަރްސިޔަން ވިޔަފާރި ކުންފުންޏެއް ރާއްޖޭގައި ރަޖިސްޓްރީކުރި މައްސަލައަކާއެކު ގައުމު ގުޑައިގެން ދިޔައީ 2013 ވަނަ އަހަރުގެ މާޗް މަހުގަ އެވެ.

މި ދެ މީހުންނަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އަރުމޭނިޔާގެ ދެ ވިޔަފާރިވެރިންނެވެ. މި ދެ މީހުން ރާއްޖެ އައިސްގެން އެ މައްސަލައެއް ހޫނުވެގެން އުޅުނު ދުވަސްކޮޅު އެމީހުން ފާހަގަކުރެވިފައި ވަނީ އޭރު ޓޫރިޒަމް މިނިސްޓަރަށް ހުންނެވި އަދީބުގެ ނިކަން ހާއްސަ ދެ މެހްމާނުންގެ ގޮތުގަ އެވެ. އަދީބާ އެކު އިވެންޓްތަކުގައި ވެސް ބައިވެރިވި އެވެ.

އެހެންކަމުން ވަގު ވިޔަފާރި އަށް މަޝްހޫރު އާތާ ބްރަދާސްއާ އަދީބާ ގުޅުން އޮންނަ ކަމަށް ބުނާ ވާހަކަ އަކީ ވެސް އަދީބަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުގެ ތެރެއިން ވާހަކަ އެކެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުން!

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުމުން ވެސް ތުހުމަތުގެ އިނގިލި އެއް ބަޔަކު ދިއްކުރީ އަދީބަށެވެ. އާދައިގެ މަތިން، އަދީބު ވެސް ދަންނަވާ ގޮތަށް، ހުރިހާ ނުބައި ކަމެއްގެ ތުހުމަތު އަބަދުވެސް އެ ބޭފުޅާ އަށް އަމާޒުކުރާ "ކަތިލުމުގެ އުސޫލު" ގެ ދަށުންނެވެ.

އަޑުއަރާފައިވާ ގޮތުން ރިލްވާން ގެއްލުނީ، ދ. މާގައު ބަޔަކަށް ދިނުމަށް އަދީބު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ލިޔެކިޔުންތަކެއް ރިލްވާނަށް ލިބިފައި ވަނިކޮށެވެ. ނަމަވެސް ރިލްވާން ގެއްލުމާ ގުޅުވައިގެން އަދީބަށް ކުރާ ތުހުމަތު ވެސް އެ ބޭފުޅާ ސިފަކުރައްވަނީ "ސިޔާސީ ކަތިލުމެއް" ގެ ގޮތުގަ އެވެ.

"އަޅުގަނޑުގެ ހިތާމައަކީ ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އެ މައްސަލައިގެ ފޯކަސް ގެއްލުވާލުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް [އަހުމަދު ނާޒިމް] އެކި ނޫސްވެރިންނަށް މި ރިޕޯޓް އަޅުގަނޑޭ ކިޔައިގެން ޖަހާދޭށޭ ކިޔައި މެސެޖު ކުރެއްވި ކަމަކަށް ވާތީ،" މި ތުހުމަތަށް އަދީބު ދެއްވާފައި ވަނީ ރައްދަކީ މިއީ އެވެ.

"ރިލްވާން އަޅުގަނޑަށް ޓުވިޓާ އިން ފެނޭ. އެހެން ނަމަވެސް އަޅުގަނޑާ ދުވަހަކު ސުވާލެއް ވެސް އަދި ހަމަ އިންޓަވިއުއެއް ނުވަތަ އެ ކަހަލަ އެއްވެސް ގޮތަކަށް ދިމާވެފައެއް ނެތް."

ރިލްވާން ގެއްލުމާ ސިޔާސީ ފަރާތަކާ ގުޅުމެއް އޮވެދާނެ ކަމަށް އޭރު މި މައްސަލައެއް ތަހުގީގުކުރި ބޭރުގެ ތަޖުރިބާކާރާކު ވެސް ބުނެފައިވެ އެވެ.

ރިލްވާން ގެއްލިފައި ވަނީ އޯގަސްޓް 8، 2014ގަ އެވެ. އޭނާ އަށް ވީގޮތެއް އަދިވެސް ނޭނގެ އެވެ.

އަލްހާނަށް ދިން މަރުގެ ހަމަލާ!

މިއީ ވެސް ބައެއް ފަރާތްތަކުން އަދީބާ ގުޅުވައިގެން ދައްކާ ވާހަކަ އެކެވެ.

ބްރޭކް ވޯޓާ ކެފޭގައި އިންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވަޅިން ހަމަލާ ދީ ޒަޚަމްކޮށްލި ހަމަލާ އަކީ ވެސް ރާއްޖޭގެ ސިޔާސީ ލޭ އޮހޮރުވުމެކެވެ. އަލްހާނަށް މި ހަމަލާއެއް ދިނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެ ހަމަލާގައި މައިބަދައަށް އަނިޔާވެ އަލްހާނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ދިމާވި އެވެ. މީގެ އިތުރުން ކުރީގެ ޑިފެންސް މިނިޓަރު ނާޒިމާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމިލުގެ ހާދިސާތައް ވެސް ގުޅިފައި ވަނީ އަދީބާ ކަމަށް ބޮޑެތި ތުހުމަތުތައް ކުރެ އެވެ.