މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޭލެވެލް، އޯލެވެލް މޭ/ޖޫންގައި އޮންނާނެ: އެޑިއުކޭޝަން

މިއަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލުތަކެއް ބަންދު ކޮށްފައި ވާތީ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތިގެން މިދިޔަ އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ފަސްކުރި އެވެ.

ނަމަވެސް އެ މިނިސްޓްރީން މިރޭ ބުނީ 2021 އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް އޮންނާނެ ކަމަށެވެ.

ކޮވިޑް19 ގެ ބަލި މާލެ ސިޓީގައި ފެތުރެން ފެށުމުން މާޗް މަހުން ފެށިގެން މުޅި އަހަރުހެން ނިމުނީ ސުކޫލްތައް ބަންދުކޮށްފައިވަނިކޮށެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު ސުކޫލްތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު 2020-2021 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި ބޭބީ ނާސަރީ އާއި ނާސަރީ ކުދިން ހިމެނޭހެން ހުރިހާ ގުރޭޑްތަކެއްގެ ދަރިވަރުން ސުކޫލަށް ހާޒިރުވެ ކިޔަވަން ނިންމާފައިވާ ކަމަށެވެ.