ހަބަރު

ދަރުމަވަންތަ ސްކޫލްގެ ބާ އިމާރާތް ތަޅާލުމުގައި ކޮރަޕްޝަންގެ ތުހުމަތު

ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތުގެ އަގަށް އެތަކެއް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ބޭނުމުގައިކަމަށް ބެލެވޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު އާއްމު ކޮށްފައިވާއިރު، އޭގައި ބުނެފައި ވަނީ، ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމުމަށް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހަވާލުކުރީ 1،494،600 ރުފިޔާއަށް ކަމަށެވެ.

ނަމަވެސް، މަސައްކަތް ހަވާލުކުރި ފަރާތުން، ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތް ތަޅާލުމުގެ މަސައްކަތް ނުހިމެނޭ ކަމަށާއި، އެކަމަށް 1.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބުނެ، އެ މަސައްކަތުގެ ޖުމްލަ އަގު 2،595،000 ރުފިޔާއަށް އިތުރުވާނެކަމަށް ބަޔާންކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީއަށް ފޮނުވާފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އަދި އެ މަސައްކަތުގެ ޖުމްލަ މުއްދަތު 90 ދުވަހަށް އިތުރުވާނެކަމަށްވެސް މަސައްކަތް ހަވާލުކުރި ފަރާތުން އަންގާފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ހަވާލުކުރެވޭ ކޮންޓްރެކްޓްގެ ޖުމްލަ އަގު އެންމެ ބޮޑުވެގެން އިތުރުކޮށްދެވޭނީ އަގުގެ 10 ޕަސަންޓް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެއެކު އެޑިޔުކޭޝަނުން ވަނީ އެ މަސައްކަތުގެ އަގާއި މުއްދަތު އިތުރުކޮށްދީފައި އެވެ.

ނަމަވެސް، އިތުރުކޮށްދެވުނު އަދަދަކީ، ޖުމްލަ އަގުގެ 74 ޕަސަންޓު އިތުރު އަދަދެއް ކަމުން، އެކަމަކީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާކަމެއް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، އޮޑިޓު އޮފީހުން ބުނީ، އެ މަސައްކަތް ހަވާލުކުރުމަށް ކުރެވުނު އިއުލާނާއި، މައުލޫމާތު ކަރުދާހުގައި އެއްބަސްވުމުގައި ކުރަންޖެހޭ މަސައްކަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެ ސްކޫލުގެ މުޅި އިމރާތް ތަޅާލުން ކަމަށްވާއިރު، ހުށަހަޅާފައިވާ އަގުގައި ސްކޫލްގެ ދެކުނު އިމާރާތް ތަޅާލުމުގެ އަގު ހިމަނާފައިނުވާނަމަ، އެކަން ހިނގާފައިވަނީ މަސައްކަތަށްް އަގު ހުށަހެޅި ފަރާތުގެ އިހުމާލުންކަން ފާހަގަކުރެވޭ ކަމަށެވެ.

"އެ ކަމުގެ ސަބަބުން އެ ފަރާތަށް ލިބިދާނޭ ގެއްލުމަކަށް ދައުލަތުން ޒިންމާވާންޖެހޭނެ ކަމަކަށް ނުދެކެން،" ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން، މިނިސްޓްރީގެ ލިޔެކިޔުންތަކުގައި މި މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެއްބަސްވުމާއެކު އެޓޭޗްކޮށްފައިވާ ކުރެހުމުގައި ހުރި ބައެއް އިމާރާތްތައް އަދިވެސް ތަޅާލާފައިނުވާކަން ފާހަގަކުރެވޭއިރު، އެ އެއްބަސްވުމަށް އިތުރު ބަދަލެއް ގެނައިކަންވެސް އެނގެންނެތްކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން މިކަމަކީ، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާކަމަށް ބެލެވޭތީ، މިކަން އިތުރަށް ތަހުގީގު ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކަށް ހުށަހެޅުމަށް އެ ރިޕޯޓުގައި ވަނީ އެދިފަ އެވެ.

ދަރުމަވަންތަ ސްކޫލް ތަޅާލުމުގެ އިތުރުން، އެޑިޔުކޭޝަން މިނިސްޓްރީއިން ގަވާއިދާއި ހިލާފާ ކޮށްފައިވާ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، ނުދައްކާ ހުރި ބިލުތަކުގެ އަދަދު މާލީ ބަޔާނުގައި ހިމަނާފައިނުވުމުގެ އިތުރުން، ހަރުމުދާ ނުބެލެހެއްޓުމާއި، އެކަށީގެންވާ ސަބަބެއްނެތި އެއްބަސްވުމެއް ބާތިލުކުރުމުގެ ސަބަބުން ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ލިބުނު މައްސަލައެއް ހިމެނެ އެވެ.