ހަބަރު

އަގު ބޮޑުވެގެން އެއްބަސްވުންތަކެއް ބާތިލު ކުރުމުން ބޮޑު ގެއްލުމެއް

ނޭޝަނަލް ޓެންޑާ ރާބޯޑު މެދުވެރިކޮށް، 2016 ވަނަ އަހަރު، އެޑިޔުކޭޝަން މިނިސްޓްރީގެ ހަތަރު މަޝްރޫއުއެއްގެ މަސައްކަތް ހަވާލުކުރުމަށްފަހު، އަގު ބޮޑަކަމަށް ބުނެ އެ އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން ދައުލަތަކަށް މާލީ ބޮޑު ގެއްލުމެއްވެފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު އާއްމު ކޮށްފައިވާއިރު، އޭގައި ބުނެފައި ވަނީ، 2016 ވަނަ އަހަރު، އެޑިޔުކޭޝަން މިނިސްޓްރީގެ ހަތަރު މަޝްރޫއުއެއްގެ މަސައްކަތް ޖުމްލަ 48.4 މިލިއަން ރުފިޔާއަށް ސްވިފްޓް އިންޖިނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ އެންގުމަށް ޖެހިގެން އައި އަހަރު އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

މިގޮތުން، ފ. އަތޮޅު ތައުލީމީ މަރުކަޒާއި ޅ. ނައިފަރު މަދްރަސަތުން އިފްތިތާހު އާއި ލ. މާވަށު ސްކޫލާއި ދ. ކުޑަހުވަދޫ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ސްވިފްޓް އިންޖިނިއަރިން އާ ހަވާލުކުރުމަށްފަހު އެއްބަސްވުންތައް ބާތިލުކޮށްފައިވަނީ އެ މަޝްރޫއުތައް އަގު ބޮޑުކަން ފާހަގަކޮށް ކަމަށެވެ.

ނަމަވެސް، އަގު ބޮޑުވުމަކީ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމެއްކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑާ ބޯޑު މެދުވެރިކޮށް ކަމަށްވާއިރު، އަގު ބޮޑުކަމަށް ބުނެ އެ މަޝްރޫއުތައް ބާތިލުކުރަން އަންގާފައިވަނީވެސް އެ މިނިސްޓްރީންކަން އޮޑީތު އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އިތުރަށް ބުނީ މިފަދަ ޕްރޮޖެކްޓުތަކަކީ އާންމުކޮށްވެސް ޓެންޑާ ބޯޑުން ނިންމައިގެން ހަވާލުކުރާ ޕްރޮޖެކްޓުތަކަކަށްޗާއިރު، ބޮޑު އިވޭލުއޭޝަން މަރުހަލާގައި އެކަން ފާހަގަކޮށްފައިނުވާ ކަމަށެވެ.

"ހުށަހަޅާފައިވާ ބިޑުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްނަމަ، އެ މަޝްރޫއުތައް އެ ކުންފުންޏާ ހަވާލު ކުރުމަކީ ޒިންމާދާރު ނިންމުމެއް ނޫންކަން ފާހަގަކުރަން،" ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައިވާ ގޮތުން، އެ އެއްބަސްވުންތައް ބާތިލުކުރުމާ ހަމައަށް، އެ ކުންފުންޏަށް މަސައްކަތުގެ އަގާއި އެޑްވާންސް ފައިސާގެ ގޮތުގައި 4.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކާފައި އެވެ.

މަސައްކަތް ކުރުމުގައި ޕްލޭނެއްނެތް

އޮޑިޓު އޮފީހުން އިތުރަށް ބުނީ، އެއްބަސްވުންތައް ބާތިލުކުރި މަޝްރޫއުތަކުގެ ތެރެއިން ޅ. ނައިފަރު މަދްރަސަތުން އިފްތިތާހުގެ އިތުރުން ލ. މާވަށު ސްކޫލުގެ އިމާރާތުގެ ސްޓްރަކްޗާ ތައްޔާރުކުރުމަށް ނިންމާފައިވަނީ ކޮންކްރީޓް ކޮށްގެން ކަމަށެވެ.

ނަމަވެސް، އެ އެއްބަސްވުންތައް ބާތިލުކޮށް، ޕްރީ ފެބްރިކް ސްޓަރަކްޗާ ބޭނުންކޮށްގެން އިމާރާތުގެ ސްޓްރަކްޗާ ތައްޔާރުކުރުމަށް ނިންމައި، ހަމަ އެއަހަރު އެމަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ހަވާލުކޮށް، އެޑްވާންސް ފައިސާގެ ގޮތުގައި 2.78 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

ނަމަވެސް، 2018 ވަނަ އަހަރު އެ ކުންފުނި އުވާލަން ސަރުކާރުން ނިންމުމުން، ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތް އޭއައިއެމް ކޮންސްޓްރަކްޝަނަށް އަދި ޅ. ނައިފަރު މަދްރަސަތުން އިފްތިތާހާއި ލ. މާވަށު ސްކޫލުގެ މަސައްކަތް ވިލުކޮޅު މޯލްޑިވްސް އާ ހަވާލުކޮށްފައިވާއިރު، އެމްއާރުޑީސީއަށް ދިން އެޑްވާންސް ފައިސާ އަނބުރާ ހޯދާފައިނުވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި 2019 ވަނަ އަހަރު ވިލުކޮޅު މޯލްޑިވްސް އާ ހަވާލުކުރި ޕްރޮޖެކްޓްތަކުގެ އެއްބަސްވުން ބާތިލުކޮށް، އަލުން އެ ދެ ޕްރޮޖެކްޓު ސްވިފްޓް އިންޖިނިއަރިން އާ ހަވާލުކޮށްފައިވަނީ، އިމާރާތުގެ ސްޓްރަކްޗާ އަނެއްކާވެސް ކޮންކްރީޓް ކޮށްގެން ތައްޔާރުކުރާ ގޮތަށެވެ.

ވިލުކޮޅު މޯލްޑިވްސްގެ އެއްބަސްވުންތައް ބާތިލުކުރިއިރު، އެ މަޝްރޫއުތަކުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައި ނިމިފައިވާއިރު، އެ މަސައްކަތްތަކަށް އެހާތަނަށް 10.3 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ހިސާބުތަކުން ފެންނަން އޮތްކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އަދި ވިލުކޮޅު މޯލްޑިވްސްއިން އެޅި ޕްރީ ފެބް އިމާރާތް ތަޅާލުމަށް 832،100 ރުފިޔާ ހަރަދުކުރަންޖެހުނުކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، އެކަށީގެންވާ ޕްލޭނެއްނެތި ޅ. ނައިފަރުގެ އިތުރުން ލ. މަވަށު ސްކޫލްގެ މަސައްކަތް ކުރުމުގެ ސަބަބުން، ދައުލަތަށް ޖުމްލަ 13.94 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އެޑިޔުކޭޝަން މިނިސްޓްރީއިން ގަވާއިދާއި ހިލާފާ ކޮށްފައިވާ އެތައް ކަމެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، ނުދައްކާ ހުރި ބިލުތަކުގެ އަދަދު މާލީ ބަޔާނުގައި ހިމަނާފައިނުވުމުގެ އިތުރުން، ހަރުމުދާ ނުބެލެހެއްޓުމާއި، ހުއްދަ ނުހޯދައި މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނެއައުމުގެ މައްސަލައެއް ހިމެނެ އެވެ.

އަދި ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތުގެ އަގަށް އެތަކެއް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.