ބޮލީވުޑް

ޝާހްރުކް ޚާން އަނެއްކާވެސް ކްރިކެޓް ޓީމެއް ގަންނަނީ

Oct 26, 2015
1

ސުޕްސްޓާ ޝާހްރުކް ޚާނަކީ ފުޓްބޯޅަ އާއި ކްރިކެޓަށް ވަރަށް ލޯބިކުރާ ތަރިއެކެވެ.

މިކަން އެންމެ ރަނގަޅަށް ފެނިގެންދަނީ އިންޑިއަން ކްރިކެޓް ލީގްގައި އޭނާގެ ޓީމް "ކަލްކަތާ ނައިޓް ރައިޑާސް" ކުޅޭއިރު ދަނޑުގައި ޓީމަށް ސަޕޯޓްކުރަން، އޭނާގެ ތިން ކުދިން ގޮވައިގެން ގޮސް ހުންނާތީ އެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ޝާހްރުކް އަނެއްކާވެސް ވަނީ ކްރިކެޓް ޓީމެއް ގަނެފަ އެވެ.

މިހާރު ރިޓަޔާކޮށްފައިވާ 260 ކްރިކެޓް ކުޅުންތެރިން ހިމަނައިގެން އަންނަ އަހަރުގެ ޖެނުއަރީމަހުގައި ފެށުމަށް ހަމަޖެހިފައިވާ "މާސްޓާސް ކްރިކެޓް ލީގް" ގައި ޓީމެއް ޝާހްރުކް ގަތުމަށް ވަނީ ނިންމާފަ އެވެ.

ޒޮޑިއެކް ސައިންސް އިން ނަންދީފައިވާ ހަ ޓީމުގެ ތެރެއިން އެއް ޓީމު މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ވެސް ގަނެފައިވާ ކަމަށްވެ އެވެ. އަދި މިވަގުތު ޖަލު ހުކުމެއް ސަންޖޭ ތަންފީޒުކުރަމުންދާތީ އޭނާގެ ބަދަލުގައި މިޓީމުގެ އޯނަރަކީ އަންހެނުން މާނިޔަތާ ދަތް ކަމަށްވެ އެވެ.

މީގެއިތުރުން ވެސް ސަލްމާން ޚާންގެ ކޮއްކޮ ސޮހެއިލް ޚާންއަކީ ވެސް ހަ ޓީމުގެ ތެރެއިން އެއް ޓީމުގެ އޯނަރު ކަމަށްވެ އެވެ.

މިލީގުގެ ހަ ޓީމުގެ ކެޕްޓަނުންގެ ގޮތުގައި ފެނިގެންދާނީ ކުރީގެ ވަރަށް މަޝްހޫރު ހަ ކްރިކެޓް ތަރިން ކަމަށްވާ ޕާކިސްތާނުގެ ވަސީމް އަކްރަމް އާއި ވެސްޓް އިންޑިއަންގެ ކުޅުންތެރިޔާ ބްރިޔަން ލާރާ އާއި ކުރީގެ އޮސްޓްރޭލިއަން ކެޕްޓަން ގިލްޗްރިސްޓް އާއި ކުރީގެ ސްރީލަންކާ ދެކުޅުންތެރިން ކަމަށްވާ މަހެލާ ޖަޔެވަރްދަން އާއި ކުމާރް ސަންގައްކަރަގެ އިތުރުން މީގެ ދުވަސްކޮޅެއް ކުރިން ރިޓަޔާކުރި އިންޑިއާގެ ރައިޓް ހޭންޑް އޯޕަނިން ބެޓްސްމަން ވިރެންދަރް ޝޭވަގް އެވެ.

ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފަށާ މިލީގުގައި ޖުމްލަ 18 މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، މެޗަތައް ކުޅެން ހަމަޖެހިފައިވަނީ ދުބާއީ، އަބޫދާބީ އަދި ޝާރްޖާހް ގައި ކަމަށް މިލީގުގެ ޗީފް އެގްޒެކްޓިވް ޑައިރެކްޓަރު ސޭމް ޚާން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

މީގެއިތުރުން ސޭމް ޚާން ވަނީ ކުރީގެ ކުޅުންތެރިން ހިމަނައިގެން ލީގެއް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަތާ ތިން އަހަރެއްހާ ދުވަސް ވެދާނެ ކަމަށާއި، އެގޮތުން ލީގު ބޭއްވުމުގެ ހުރިހާ ކަމެއް ނިމުނީ މީގެ މަހެއްހާ ދުވަސްކުރިން ސަންޖޭ ދަތު މަހެއްހާ ދުވަހަށް ގެއަށް ބަދަލުކޮށްފައި ހުރިއިރު އޭނާ އާއި ދިމާވެގެން ވަނީ މިލީގުގެ ޓީމެއް ގަނެފައި ކަމަށެވެ. އަދި މިހާރު ސޮހެއިލް އާއި ޝާހްރުކް ވެސް އަންނަނީ ޓީމެއް ގަތުމުގެ އެންމެފަހުގެ ކަންތައް ނިންމަމުން ކަމަށް ސޭމް ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އިތުރަށް މިލީގުގައި ކުޅުންތެރިންގެ ގޮތުގައި ކުރީގެ ޕާކިސްތާނު ޓީމުގެ އެންމެ ފާސް ބޯލާ ޝޮއައިބް އަޚްތަރު އާއި ކުރީގެ އޮސްޓްރޭލިއަން ކްރިކެޓާ އަދި މިހާރުގެ ކޮމެންޓޭޓާ ބްރެޓް ލީ ހިމެނެ އެވެ.

ޝާހްރުކް އާއި ސަންޖޭ އަދި ސޮހެއިލްގެ އިތުރުން މިހާރު އިންޑިއާ ޓީމުގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ ދޯނީގެ ބިޒްނަސް ޕާޓްނަރު އަރުން ޕާންޑޭ މިހާރު އެއް ޓީމު ގަނެފައިވާ ކަމަށްވެ އެވެ.