ދުނިޔެ

އިންޑޮނީޝިއާ ބޯޓް ވެއްޓުނު ހިސާބުން ގުނަވަންތަކާއި ކުނި ފެންނަން ފަށައިފި

އިންޑޮނީޝިއާގައި އޮޕަރޭޓްކުރާ ސްރިވިޖަޔާ އެއާގެ، ބޯއިން 737 މަރުކާގެ ބޯޓެއް ކަނޑަށް ވެއްޓުނު ހިސާބުން، އިންސާނުންގެ ގުނަވަަންތަކާއި، އަންނައުނު އަދި ގުޅުން ހުރި ކުނިބުނި ފެންނަން ފަށައިފި ކަމަށް، ރެސްކިޔު މަސައްކަތުގައި އުޅޭ ޓީމްތަކުން ރިޕޯޓް ކޮށްފި އެވެ.

އޮފިޝަލުން ވިދާޅުވަނީ ރެސްކިޔު ޓީމްތަކުން ސޯނާ ބޭނުން ކޮށްގެން ސަރަހައްދު ހޯދަމުން ގެންދާއިރު މަތިންދާބޯޓާ ގުޅުންހުރި ބައިތައް ފެންނަމުން އަންނަ ކަމަށާއި، ދަގަނޑާއި މެޓަލް ޝީޓްގެ ބައިތައް ވެސް ފެނިފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު، ބަޑި ކަރިޔާ ސުމަދީ ވިދާޅުވީ، ރެސްކިޔު ޓީމްތަކުން ކުރިއެރުން ހޯދަމުން އަންނާތީ، މިލިޓަރީއާ ގުޅިގެން ކަނޑުގެ ސަރަހައްދުން ވަރަށް ބޮޑު ބައެއް ހޯދަމުން އަންނަ ކަމަށެވެ. އަދި ރިމޯޓް އުޅަނދު ބޭނުން ކޮށްގެން ކަނޑުގެ އަޑި ވެސް ހޯދާނެ ކަމަށެވެ.

އިންޑެނީޝިއާ މަތިންދާބޯޓް ވެއްޓުމާ ގުޅޭ ގޮތުން މައުލޫމާތު ދެނީ

އިންޑޮނީޝިއާ ކަނޑުގެ ސަރަހައްދުގައި އުޅޭ މަސްވެރިން ބުނި ގޮތުގައި، މީގެ ކުރިން ނުފެންނަ ބައެއް ތަކެތި ކަނޑުމަތިން ފެންނަމުން އެބައާދެ އެވެ.

ކޮންޓައިނާގެ ބައިތަކާއި ފުޅިމަދު ކަހަލަ ތަކެތި ފެންނަ ކަމަށް ވެސް އެމީހުން ބުނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނި ގޮތުގައި ބޯޓް ގެއްލުނު ކަމަށް ބުނާ ވަގުތު އުޑުމަތިން އެއްޗެއް ގޮވިއަޑު ވެސް އިވުނެވެ.