ދުނިޔެ

ވެއްޓުނު މަތިންދާބޯޓުގެ ކަޅުފޮށި އޮތް ތަން ކަނޑައަޅައިފި

އިންޑޮނީޝިއާގެ މަތިންދާބޯޓެއް 62 މީހުންނާ އެކު ގެއްލިގެން ހޯދަނިކޮށް ކަނޑަށް ވެއްޓިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. މަތިންދާބޯޓް ވެއްޓުނު ކަމަށް ބެލެވޭ ހިސާބު ކަނޑުން، އިންސާނުންގެ ގުނަވަަންތަކާއި، އަންނައުނު ފަދަ ތަކެތި ވެސް ވަނީ ރެސްކިއު ޓީމްތަކަށް ފެނިފަ އެވެ.

އިންޑޮނީޝިއާގެ އޮފިޝަލުން ބުނާ ގޮތުގައި ސްރިވިޖަޔާ އެއާއިން އޮޕަރޭޓްކުރާ ބޯއިން 737ގެ ކަޅުފޮށި އޮތްތަން މިހާރު ކަނޑައެޅިއްޖެ ކަމަށެވެ. އެހެން ނަމަވެސް، އެހިސާބުގައި މޫސުން ހުރި ގޮތުން މަސައްކަތްތަކަށް ހުރަސްއެޅި ލަސްވެދާނެ ކަމަށެވެ.

އިންޑޮނީޝިއާގެ މަތިންދާބޯޓެއް 62 މީހުންނާ އެކު ގެއްލުނު ހާދިސާ

ރެސްކިޔު އޮޕަރޭޝަންގައި ބައިވެރިވާ މިލިޓަރީ އުޅަނދުން ސޯނާ ބޭނުންކޮށްގެން މަތިންދާބޯޓުގެ ބައިތައް ވަނީ ހޯދާފަ އެވެ. މިއުޅަނދުން މިހާރު ކުރާ ކަމަކީ ކަޅުފޮށިން ލިބޭ ސިގްނަލްގެ އެހީގައި އެހިސާބު ކަނޑަށް ރޮބޮޓިކްް އުޅަނދެއް ވޮނުމުމެވެ. ބޭނުންޖެހިއްޖެ ނަމަ އެހީތެރިވުމަށް ފުން ކަނޑަށް ފަރިތަ ޑައިވަރުން ވެސް ތިބީ ތައްޔާރުގަ އެވެ. މަތިންދާބޯޓް ވެއްޓެން މެދުވެރިވި ސަބަބުން މުޅިން ސާފުވާނީ ކަޅުފޮށި ނެގުމުންނެވެ.

ކަނޑުމަތިން ފެންނަ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ބޭނުންކޮށްގެން ވަކި މީހަކު ދެނެގަތުމަށްޓަކައި ފޮރެންސިކް ޓީމްތަކުން ޑީއެންއޭ ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޚަބަރު ލިބެ އެވެ.