ވިޔަފާރި

އެމްޑަބްލިޔުއެސްސީ ހަރަދު ކުޑަކޮށް 297.9 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

Jan 11, 2021

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޓީސީސީ) އިން ހަރަދު ކުޑަކޮށްގެން 297.9 މިލިއަން ރުފިޔާ ސަލާމަތް ކޮށްފި އެވެ.

މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީ އަށް އޮޕަރޭޝަން އެންޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި 838.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ނަމަވެސް މި ބަޖެޓުން ވަނީ 541 މިލިއަން ރުފިޔާއަށް ކުޑަ ކުރެވިފަ އެވެ. މިއީ 2019 ވަނަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ހަރަދު ހުރި ވަރަށް ބަލާނަމަ 14 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށް ބަލައި ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ ހިންގުމުގެ ހަރަދުތައް ކުޑަ ވެގެން ދިޔަ ސަބަބަކީ ކޮވިޑް- 19ގެ ހާލަތާއި ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓުން ރޭވުންތެރިކަމާއެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ގެންގުޅުއްވި ހިކުމަތްތެރި މާލީ ސިޔާސަތުތަކުގެ ސަބަބުންނެވެ.

"ކޮވިޑް-19 ގެ ދަތި އުނދަގޫ ހާލަތާއި އެކުގައިވެސް، ކުންފުނީގެ ހަދުމަތްތައް މެދުނުކެނޑި ކުރިއަށް ގެނދިއުމުގައާއި، ކުންފުނީގެ ލަނޑު ދަނޑިތައް ހާސިލް ކުރުމުގައި ކުންފުނީގެ ހިތްވަރުގަދަ ހީވާގި މުވައްޒައްފުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ،" ފެން ކުންފުނިން ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ދަތި ހާލަތުގައި ވެސް ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންގޮސް ކުންފުނީގެ ލަނޑު ދަނޑިތައް ހާސިލް ކުރުމުގައި ހިތްވަރު ގަދަ، ހީވާގި މުވައްޒައްފުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް ކުންފުނީގެ މެނޭޖްމަންޓުން ހާއްސަ ޝުކުރެއް ދަންނަވަން
ފެން ކުންފުނީގެ ނޫސް ބަޔާން

އެމްޑަބްލިއުއެސްސީ މިދިޔަ އަހަރު އިންޖިނިއަރިން އާއި މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާގެ ހިދުމަތްތައް އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތަށް ފުރަތަމަ ކުއާޓަރުގައި 177.7 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 130.7 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ތިން ވަނަ ކުއާޓަރުގައި 163.5 މިލިއަން ރުފިޔާ ކުޑަކޮށް، ހަތަރު ވަނަ ކުއާޓަރުގައި 94.8 މިލިއަން ރުފިޔާ ހަރަދު ކުޑަ ކުރެވިފައިވާ ކަމަށެވެ.

ފެން ކުންފުނިން އެކި ދާއިރާ ތަކުން ހަރަދު ކުޑަ ކޮށްފައިވާ ގޮތަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ އޭގެ ކުރީ އަހަރު އިންޖިނިއަރިން ދާއިރާގެ ހަރަދުތައް ވަނީ ހަ ޕަސެންޓް ކުޑަ ކުރެވިފަ އެވެ. އަދި މެނުފެކްޗަރިން ދާއިރާ ގެ ހަރަދުތައް 14 ޕަސެންޓް ކޮޑަކޮށް، ވިޔަފާރީގެ ދާއިރާގެ ހަރަދުތައް 16 ޕަސެންޓް ކުޑަކުރެވިފައިވާއިރު، ފެނާ ނަރުދަމާގެ ހިދުމަތައް ކޮށްފައިވާ ހަރަދުތައް 15 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ.

ފެން ކުންފުނީގެ ހަރަދު ކުޑަ ކުރިގޮތް

  • މިދިޔަ އަހަރުގެ އޮޕަރޭޝަން އެންޑް އެކްސްޕެންސް ބަޖެޓު، 838.9 މިލިއަން
  • އެކަމަކު މިދިޔަ އަހަރު ހަރަދު ކުރީ 541 މިލިއަން ރުފިޔާ
  • މި ބަޖެޓުން 297.9 މިލިއަން ރުފިޔާގެ ސަލާމަތް ކުރި
  • މިއީ 2019 އާ ބަލާއިރު 14 ޕަސެންޓް ދަށްވުމެއް
  • ފުރަތަމަ ކުއާޓަރުގައި 177.7 މިލިއަން ރުފިޔާ ކުޑަވުމެއް
  • ދެވަނަ ކުއާޓަރުގައި 130.7 މިލިއަން ރުފިޔާގެ ކުޑަވުމެއް
  • ތިންވަނަ 163.5 މިލިއަން ރުފިޔާ ކުޑަވުމެއް
  • ހަތަރު ވަނަ ކުއާޓަރުގައި 94.8 މިލިއަން ރުފިޔާ ހަރަދު ކުޑަ ކޮށްފައިވާ

އެމްޑަބްލިޔުއެސްސީ އިން ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުގައިވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅުއްވި ހަރުދަނާ އަދި ހަމަ އެހާމެ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން މި ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ވަނީ ކޮށްފަ އެވެ.

ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމާއި ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމުގެ އިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. މި ގޮތުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެދަށުން މިފަދަ ކަންކަމަށް ޖުމްލަ 5.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

"މީގެ އިތުރުން، މިދިޔަ އަހަރު ވެސް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ،" ފެން ކުންފުނިން ބުނެފައިވެ އެވެ.

އެމްޑަބްލިޔުއެސްސީ އިން ވަނީ ސަރުކާރުން ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝަރޫއޫ ތަކުގެ ދަށުން، ދެ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ނިންމައި ފަސް ރަށެއްގެ އަމަލީ މަސައްކަތް ފަށައި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ފެށުމަށް ތައްޔާރު ވެސް ވެފަ އެވެ.