ގައުމު ބިނާ ކުރުމުގެ ނަމުގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހާއްސަ ސްކޯލާޝިޕެއް ތައާރަފު ކޮށްފި އެވެ.
އާ ސްކޯލާޝިޕަކީ މި ވަގުތު ރާއްޖެއަށް ބޭނުންވާ ދާއިރާ ތަކުގެ ތެރެއިން ކޯސްތަކަށް ދަރިވަރުން ކުރިމަތި ނުލާ ދާއިރާ ތަކުން މީހުން ބިނާ ކުރުމުގެ މަގުސަދުގައި ތައާރަފު ކޮށްފައިވާ ފުރުސަތެކެވެ.
އެގޮތުން އެ ސްކޯލާޝިޕްގެ ދަށުން ކިޔެވޭނީ މައިގަނޑު ހަތަރު ކޯހަކަށެވެ. އެއީ ތައުލީމީ ދާއިރާއިން ޕްރައިމަރީ ޓީޗިންނާއި، މަސައްކަތް ތެރިކަމުގެ ދާއިރާއިން ވެލްޑިން އާއި އެއާކޮންޑިޝަނިންގެ އިތުރުން މެރިޓައިމްސް ގެ ދާއިރާއިން ނޯޓިކަލް ސްޓަޑީޒެވެ.
ޕްރައިމަރީ ޓީޗިންގެ ކޯހަށް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކޯލާޝިޕް މެދުވެރިކޮށް ލިބޭ އިރު ކިޔެވުމުގެ ފުރުސަތު ދީފައި ވަނީ 30 މީހުނަށެވެ. އެމްއެންޔޫ އިން ބުނީ ޓީޗިން ކޯހަށް ޝަރުތު ހަމަވާނީ ކަނޑައަޅާފައިވާ ވަކި ހާއްސަ ސުކޫލުތައް ހުންނަ ރަށް ރަށަށް ނިސްބަތްވާ ފަރާތްތައް އެކަނި ކަމަށެވެ.
ސްކޯލާޝިޕް ގައި ހިމެނޭ އެއާކޮންޑިޝަނިންނާއި ވެލްޑިން ކޯހަކީ ސެޓިފިކެޓް ލެވެލް ތިނެއް ގެ ކޯސްތަކެކެވެ. އެގޮތުން އެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދޫކޮށްފައި ވަނީ 12 މީހުނަށެވެ.
މި ހުރިހާ ކޯސްތަކެއްގައިވެސް ސްކާލާޝިޕަށް ހޮވޭ ފަރާތް ތަކުން ކިޔަވަން ޖެހޭނީ ފުލްޓައިމް ކޮންނެވެ. އަދި ސްކޯލާޝިޕަށް ހޮވޭ ދަރިވަރުންނަށް ހާއްސަ އިނާޔަތް ތަކެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން އެ ސްކޯލާޝިޕްގައި ކޯހުގެ ޓިއުޝަން ފީ އާއި ކޮންމެ މަހަކު ދޭ 5000 ރުފިޔާގެ އެލަވަންސަކާއި ކޮލެޖަށް ބޭނުންވާ ސާމާނު ގަތުމަށް ކޮންމެ ސެމިސްޓާ އަކު ދޭ 5000 ރުފިޔާގެ އެލަވަންސެއްގެ އިތުރުން ސްކޯލާޝިޕް ލިބޭ ފުރަތަމަ މަހު އެސްޓަބްލިޝްމަންޓް ގްރާންޓެއްގެ ގޮތުގައި ދޭ 5000 ރުފިޔާ ވެސް ހިމެނެ އެވެ.
އެމްއެންޔޫ އިން ބުނީ އެ ސްކޯލާޝިޕަށް ކުދިން ހޮވާނި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ގޮތުން އެންމެ މަތީ ދަރިވަރުން ކަމަށެވެ. އަދި ސްކޯލާޝިޕަށް ކުދިން ހޮވާ އިރު ދޭ ޕޮއިންޓްސް އެއްވަރު ވެއްޖެ ނަމަ ކުދިން ހޮވާނީ ގުރުއަތު ލައިގެން ކަމަށެވެ.
އެ ސްކޯލާޝިޕަށް ހުށަހެޅޭނީ އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖެހުމާއި ހަމަ އަށެވެ.