ދުނިޔެ

ކަނޑަށް ވެއްޓުނު މަތިންދާބޯޓްގެ ކަޅުފޮށި އިންޑޮނީޝިއާ ޑައިވަރުން ނަގައިފި

ޖާވާ ކަނޑަށް ވެއްޓުނު އިންޑޮނީޝިއާ ފްލައިޓްގެ ކަޅުފޮށި ނަގައިފި އެވެ. ޑައިވަރުން ކަޅުފޮށި ނަގާފައި ވަނީ ރިމޯޓްކޮންޓްރޯލް އުޅަދު ބޭނުންކޮށްގެންނެވެ. ފްލައިޓް ވެއްޓުނު ހިސާބު ބަލައި ހާދިސާއާ ގުޅުން ހުރި އަލާމާތްތައް ހޯދުމުގައި ޑައިވަރުންނަށް ދިމާވި އެންމެ ބޮޑު ނުތަނަވަސްކަމަކީ އެސަރަހައްދު ނުސާވުމާއި ކުނިގިނަވުމެވެ.

އިންޑޮނީޝިއާ އެއާ ޗީފް މާޝަލް ހާދީ ވިދާޅުވީ ދެވަނަ ކަޅުފޮށި، "ކޮކްޕިޓް ވޮއިސް ރެކޯޑާ" ވެސް މާދުރުނޫން ހިސާބެއްގައި އޮންނާނެ ކަމަށާއި، ނަގަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ބީކަން ސިގްނަލް އެހިސާބުން ލިބޭ ކަމަށެވެ.

ރިކަވަރީ ޓީމްތަކަށް މާބޮޑު ތަކުލީފަކާ ނުލައި ކަޅުފޮށި އޮތް ސަރަހައްދު ދެނަގަނެވުނީ އެެޑިވައިސްތަކުން ސިގްނަލް ލިބުމުންނެވެ. ޑައިވަރުން މިހާރު ނަގާފައިވާ ކަޅުފޮށީގައި ރެކޯޑްކޮށްފައި ހުރި ކަމަށް ވަނީ ބޯޓުގެ ދުވެއްޔާއި، ދަތުރުކުރި އުސްމިން އަދި ބޯޓު ދަތުރުކުރި މިސްރާބު ފަދަ މައުލޫމާތެވެ.

އިންޑޮނޭޝިއާގެ އިދާރާތަކުން ބުނަނީ ކަޅުފޮށިތައް އަތުޖެހުމުން، ފްލައިޓަށް ދިމާވި ހާދިސާ މުޅިން ކަށަވަރުކުރެވޭނެ ކަމަށެވެ.

މަތިންދާބޯޓަށް ދިމާވި ހާދިސާއާ ގުޅުން ހުރި ވަރަށް މުހިިންމު މައުލޫމާތު، "ކޮކްޕިޓް ވޮއިސް ރެކޯޑާ" ގައި ހުންނާނެ އެވެ. އޭގެ ތެރޭގައި ޕައިލެޓާއި ކޯޕައިލެޓް ދައްކާ ވާހަކަ އާއި އެމީހުންނަށް ހެޑްފޯނުން / އިއާފޯނުން އިވޭ އަޑުތަކާއި، ކޮކްޕިޓްގައި އަދި މުހިންމު އެހެން ތަންތަނުން އިވޭ އަޑުތައް ވެސް ހިމެނެ އެވެ.

އިންޑޮނޭޝިއާގައި އޮޕަރޭޓްކުރާ ސްރިވިޖަޔާ އެއާގެ ބޯޓް ކަނޑަށް ވެއްޓިފައި ވަނީ ޖަކާޓާގެ އެއާޕޯޓްުން ނައްޓިލަތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ބޯޓް ވެއްޓެން މެދުވެރިވި ސަބަބު އަދި ނޭނގުނު ނަމަވެސް، ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ކޮވިޑް ތެރޭގައި މިބޯޓް އޮތީ އެހެލާފައި ކަމަށެވެ. އެހެން ނަމަވެސް ޚިދުމަތަށް ނެރުމުގެ ކުރިން ފޮޅާސާުކޮށް އިންޖީން ޓެސްކުރި ކަމަށެވެ.

ވިޔަފާރި ދަތުރުތަކަށް ނެރުމުގެ ކުރިން ދަތުރުވެރިންނާ ނުލައި ބޯޓު އުދުއްސި ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެ އެވެ.

ރެސްކިޔު ޓީމްތަކުގައި އުޅޭ ތަޖުރިބާރުން ބުނަނީ ބޯޓުގެ ބައިތައް މިހާރު ފެންނަމުން އަންނައިރު، އެބައިތައް ބޯޓުން ވަކިވެފައި ހުރި ގޮތަށް ބަލާއިރު ހީވަނީ ބޯޓް އުދުހިފައި ދަނިކޮށް ގޮވީ ކަމަށެވެ.