ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިންޑިއާގެ ކޮވިޑް ވެކްސިން މާދަމާ ރާއްޖެ ގެންނަނީ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން އުފައްދާ އެ މީހުންގެ އަމިއްލަ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް ވިދާޅުވެފައިވަނިކޮށް އިންޑިއާގެ ނޫސްތަކުން ބުނީ ރާއްޖެއަށް ގެންނަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން ކަމަށެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ބިޔަ ކެންޕެއިނެއް ފަށާފައިވާއިރު އިންޑިއާގައި ބޭނުން ކުރަނީ ދެ ވެކްސިނެކެވެ. އެއީ އޮކްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިން އެވެ. އެ ދެ ވެކްސިނަށްވެސް ވަނީ ހުއްދަ ދީފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ކޮވިޑް ވެކްސިންގެ ފުރަތަަމަ ޝިޕްމަންޓް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 2:00 ޖަހާއިރު ކަމަށެވެ. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށާ ދިވެހި ސަރުކާރާއި ރާއްޖޭގެ އިދާރާތަކުން ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގާފައިވާ ކަމަށެވެ. މިއީ އެ ގައުމުން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމު ކަމަށްވެސް ބުންޏެވެ.

ނަމަވެސް މިކަމާއިމެދު ފޮރިން މިނިސްޓްރީން އަދި ދިވެހި ސަރުކާރުންވެސް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އިންޑިއާއިން ވެކްސިން ޝިޕްމަންޓެއް މާދަމާ ރާއްޖެ ފޮނުވާއިރު ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވެކްސިން ފުރަތަމަ ދޭނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ.